19 Jun 2012, 10:04
ހަމީދު ބަންދުކުރި އަމުރަށް ހައިކޯޓުން ތާއީދުކޮށްފި
ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދު ފަސް ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.
ހައިކޯޓުން އެ އަމުރަށް ތާއީދު ކުރީ ކްރިމިނަލް ކޯޓުން އެ އަމުރު ނެރެފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލަތަކާ ޚިލާފަށް ކަމަށް ބުނެ ހަމީދުގެ ފަރާތުން އެ އަމުރު އެ ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބެލުމަށް ފަހު މިއަދު އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މިދިޔަ ބުރާސްފަތި ދުވަހުގެ 4:25 އިން ފެށިގެން މިއަދު ހަވީރު 4:22 އާއި ހަމަޔަށް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ނެރުނު އަމުރެއް ކަމަށް ބަލާނެތަނެއް ނެތްކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅީ ކަމަށެވެ.
ހުކުމްގައި ބުނަނީ މީގެ ކުރިން ވެސް ކުށްކުށުގެ ތުހުމަތު ކުރެވޭ ފުލުހުންގެ މައްސަލަތައް ވެސް ތަހުގީގުކޮށް ބަންދުގެ އަމުރު ހޯދަން ކޯޓަށް ހުށަހަޅާފައި ވާނެ ކަމަށް ދައުލަތުން އެ ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވާނެ ކަމަށް ދައުލަތުން ބުނެފައިވާއިރު އެކަން އެނޫން ގޮތަކަށް ހިނގާފައިވާކަން ސާބިތުކޮށްދެވޭ ފަދަ ހުއްޖަތެއް ހަމީދުގެ ފަރާތުން ދެއްކިފައި ނުވާކަމަށެވެ.
ހަމީދު ހައްޔަރުކޮށްފައި ވަނީ އޭނާ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނެވި އިރު، ފުލުހުންގެ ބޭނުމަށް އެއްކޮށްފައިވާ މުހިއްމު މައުލޫމާތާއި ގައުމީ ސަލާމަތާ ގުޅުން ހުރި މުހިއްމު މައުލޫމާތުތަކުގެ އިތުރުން ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް އެހެން ބަޔަކަށް މަންފާ ކުރަނިވި ގޮތަކަށް ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ގައުމީ ސަލާމަތަށް ނުރައްކާތެރިވެ، ފުލުހުންނާއި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދިދާނެ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ އިރު ފުލުހުން ބުނީ އޭނާ ކޮށްފައިވާ ކަންތައްތަކަކީ ފުލުހުންގެ ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަންތައްތަކެއް ކަމަށެވެ.
ފުލުހުން ބުނީ ހަމީދުގެ ތަހުގީގު ކުރިޔަށްދާ ވަރަކަށް އެ ކަމާ ގުޅޭ އިތުރު މައުލޫމާތު މީޑިއާތަކަށާއި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ. ހަމީދު ހައްުޔަރު ކޮށްފައިވާތީ އޭނާ މިނިވަން ކުރުމަށް ގޮވާލާ އެމްޑީޕީން ވަނީ މާލޭގައި މުޒާހަރާއެއް ވެސް ބާއްވާފަ އެވެ.