14:30


ކޮންމެ ތާކު ހުރެގެން ވެސް މަތީ ތަޢުލީމަށް ކިޔެވޭ ގޮތަށް ވަތަނިއްޔާ އިން ތަޢާރަފް ކޮށްފައިވާ "އެމް ލާނިން"ގެ ފުރަތަމަ ކޯސް މި މަހުގެ 29 ގައި ފަށާނެ ކަމަށް ވަތަނިއްޔާ އިން ބުނެފި އެވެ.


ޔުނިވަސިޓީ އޮފް ކޮލޮމްބޯ އިން އެއް އަހަރު ދުވަހުގެ އެގްޒެކެޓިވް ޑިޕްލޮމާ އެންޑް މާކެޓިން ކޯސް ހެދޭ ގޮތަށް މިދިޔަ އޭޕްރީލް މަހު ހުޅުވާލި ފުރުސަތުގައި އަށް ކުއްޖަކު އެޕްލައިކޮށްފައިވާ ކަމަށާއި އަދި އޭގެ ތެރެއިން ފަސް ކުއްޖަކު ހޮވިފައިވާ ކަމަށް ވަތަނިއްޔާ އިން ބުނެ އެވެ.


ހަމައެކަނި ވަތަނިއްޔާ ބްރޯޑް ބޭންޑް މެދުވެރިކޮށްގެން ބައިވެރެވޭ އެ ކޯހާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ޔުނިވަސިޓީ އޮފް ކޮލަމްބޯގެ ބޭފުޅުން މިއަދު ވިދާޅުވީ މި ޚިދުމަތް މެދުވެރިކޮށް ބައިވެރިވާ ކުދިންނަށް ލިބޭ ތަޢުލީމްގެ ފެންވަރަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އެއްވެސް ގަޑިއެއް ގެއްލިގެން ނޯޓްސް ނުލިބެގެން ހާސްވާކަށް ނުޖެހޭނެ ކަމަށާއި ގެއްލިދިޔަ ލެކްޗަރާއިންގެ ފިލާވަޅު އިންޓަނެޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.


އެމްލާނިން މެދުވެރިކޮށް ވަގުތުން ލެކްޗަރާއިންނާއި ސުވާލުކޮށް ވާހަކަ ދައްކާލެވި، އަދި ކުލާހުގައި ތިބޭ އެހެން ކުދިންނާ ވެސް ވާހަކަ ދައްކާލެވޭ ކަމަށް ވަތަނިއްޔާ އިން ބުނެ އެވެ.


ވަތަނިއްޔާގެ އެކްޓިން ހެޑް އޮފް މާކެޓިން، ކޮމިއުނިކޭޝަން އައިޝަތު ޒަމްރާ ޒާހިރު ވިދާޅުވީ އެ ކުއްޖަކު ހުރި ރަށެއްގައި ހުރެގެން މަތީ ތަޢުލީމް ލިބޭނެ މަގުފަހިކޮށްދިނުމުގެ ބޭނުމުގައި ވަތަނިއްޔާއިން މިދިޔަ އޭޕްރީލް މަހު ތަޢާރަފްކުރި މި ޚިދުމަތަށް ދެ ކޯހެއް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ޑިޕްލޮމާ އިން ޓްރެވެލް އެންޑް ޓޫރިޒަމް، އިކޮނޮމިކްސް އެންޑް ހޮޓެލް މެނޭޖްމަންޓް އާއި ސެޓްފިކެޓް ޑިޕްލޮމާ އިން ބިޒްނަސް އިނގްލިޝްގެ ކޯސްތަކަށް އެޕްލައިކުރުމުގެ ފުރުސަތު ސެޕްޓެމްބަރާ ހަމައަށް ހުޅުވާލައިފައިވާ ކަމަށް ޒަމްރާ ވިދާޅުވި އެވެ.


މީގެ އިތުރުން ވެސް އެ ކޯސްތަކާ ބެހޭ އިތުރު މަޢުލާމާތާއި ކޯހުގައި ބައިވެރިވުމުގެ ކަންތައްތައް ވަތަނިއްޔާ ވެބްސައިޓް މެދުވެރިކޮށް ކުރެވޭނެ ކަމަށް ޒަމްރާ ވިދާޅުވި އެވެ.


ވަތަނިއްޔާގެ އެމްލާނިންގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ޑަބްލިޔު ބްރޯޑް ބޭންޑް ކަނެކްޝަނެއް ހިލޭ ލިބޭނެ އެވެ. ވަތަނިއްޔާއިން ބުނީ ވަތަނިއްޔާ ތްރީޖީ ޕްލަސް ނެޓްވޯކް ލިބޭ ކޮންމެ ރަށެއްގެ ކުއްޖަކަށް ވެސް އެ ޚިދުމަތް މެދުވެރިކޮށް ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.