03 Jul 2024, 15:46
އެމެރިކާގައި މިހާރު ކުރިއަށްދާ ކޮމެބޯލް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގެ ފަހު ޖާގަ ބްރެޒިލުން ކަށަވަރު ކޮށްފިއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ބްރެޒިލްއަށް ކަށަވަރު ވެގެންދިޔައީ ގްރޫޕް ޑީގައި ކޮލޮމްބިއާ އާއި ކުޅުނު މެޗު އެއްވަރުވެ ގްރޫޕްގެ ދެވަނަ މަގާމު ކަށަވަރު ވުމުންނެވެ.
ކެލިފޯނިއާގެ ލިވައިސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބްރެޒިލްއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ކޮލޮމްބިއާއިންނެވެ.
މި މެޗުގެ ފެށުން ރަނގަޅުވީ ބްރެޒިލްގެއެވެ. މި ގޮތުން ބްރެޒިލްއިން ވަނީ މެޗުގެ 12 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލިބުނު ހިލޭ ޖެހުމަކުން ރަފީނިއާއެވެ. ނަމަވެސް 2022 ވަނަ އަަހަރުގެ ފެބްރުއަރީއިން ފެށިގެން މެޗަކުން ބަލިނުވާ ކޮލޮމްބިއާއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ބްރެޒިލްއަށް ނުރައްކާ ކުރަން ފަށާފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ކޮލޮމްބިއާއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑެނިއަލް މުނޯޒެވެ.
މި މެޗުގެ ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ހަމަލާއަށް އިސްކަންދީގެން މެޗުން މޮޅުވުމަށް ކުޅެމުންދިޔަ ތަނެވެ. ނަމަވެސް މި ހާފުގައި ލަނޑެއް ޖެހުމާ އެންމެ ގާތަށް ދިޔައީ ކޮލޮމްބިއާއެވެ. އެއީ މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ރަފައެލް ބޯރޭއަށް ލިބުނު ފުރުސަތެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާދިޔައީ ދަނޑި މަތިން ބޭރަށެވެ.
މި މެޗު އެއްވަރު ވުމާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަލިބިގެންދިޔައީ ކޮލޮމްބިއާ އަށެވެ. އެއީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ބްރެޒިލްއަށް ލިބުނީ ތިން މެޗުން ފަސް ޕޮއިންޓެވެ. އަދި ކުއާޓަ ފައިނަލަށް ދިޔައީގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މި ގްރޫޕްގައި ހިމެނޭ ކޮސްޓަރީކާ އާއި ޕެރަގުއާއީ ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކުރީ ކޮސްޓަރީކާއެވެ. އެހެން ކަމުން ގްރޫޕްގެ ތިންވަނަ ކޮސްޓަރީކާއަށް ލިބިގެންދިޔައިރު ކުޅުނު ތިން މެޗުންވެސް ބަލިވެ ޕެރަގުއޭ ދިޔައީ ގްރޫޕްގެ އެންމެ ފަހަތަށެވެ.
މިއާއެކު މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ޓީމުތައް ބައްދަލުކުރާ ގޮތްވެސް މިހާރު ވަނީ ކަނޑައެޅިގެން ގޮސްފައެވެ. މި ގޮތުން މި އަންނަ ހުކުރު ދުވަހު ކުޅޭ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ ޓީމު އަދި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ގްރޫޕްގެ ބީގެ ދެވަނަ ޓީމު އެކުއެޑޯއެވެ.
ހޮނިހިރު ދުވަހު ހެނދުނު ކުޅުމަށް ހަމަޖެހިފައިވަ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމު ވެނެޒުއޭލާ އާއި ގްރޫޕް އޭގެ ދެވަނަ ޓީމު ކެނެޑާއެވެ.
އަދި ތިންވަނަ މެޗުގައި ގްރޫޕް ޑީގެ އެއްވަނަ ޓީމު ކޮލޮމްބިއާ އާއި ބައްދަލުކުރާނީ ގްރޫޕް ސީގެ ދެވަނަ ޓީމު ޕެނެމާއެވެ. އަދި ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ބައްދަލު ކުރާނީ ގްރޫޕް ސީގެ އެއްވަނަ ޓީމު އުރުގުއޭ އާއި ގްރޫޕް ޑީގެ ދެވަނަ ޓީމު ބްރެޒިލްއެވެ.