03 Jul 2024, 18:45
ސަންއާ (3 ޖުލައި 2024): ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގާ ޔަހޫދީ އިސްރާއީލާ އަދި އިސްރާއީލުގެ އަނިޔާވެރިކަމާއި ޓެރަރިޒަމްގެ އަމަލުތަަކަށް ވާގިވެރިވާ ފަރާތްތަކަށް ނިސްބަތްވާ ހަތަރު އާގު ބޯޓަކަށް ޔަމަންގެ ހޫޘީ ޖަމާއަތުން ހަމަލާ ދީފިއެވެ.
ޙޫޘީންގެ ތަރުޖަމާނު ޔަޙްހާ ސަރީޢު ވިދާޅުވިގޮތުގައި އިސްރާއީލާއި އިސްރާއީލުގެ މަސްލަހަތާ ގުޅިފައިވާ ހަތަރު އާގު ބޯޓަކަށް މިސައިލުންނާއި ޑްރޯނުން އިއްޔެ ވާނީ ހަމަލާތަކެއް ދީފައެވެ. އެހަމަލާތައް ދިނީ ރަތް ކަނޑާއި އަރަބި ކަނޑު އަދި މެޑިޓެރޭނިޔަން ކަނޑުގެ އިތުރުން އިންޑިޔާ ކަނޑުން ދަތުރު ކުރި އާގު ބޯޓުތަކަކަށްކަމަށް އޭނާ ވިދާޅުވިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޙޫޘީންގެ ހަމަލާތައް އަމާޒުކުރީ އިންޑިޔާ ކަނޑުގައި ދަތުރު ކުރި އިނގިރޭސިވިލާތުގެ އާގުބޯޓެއް ކަމަށްވާ އެންވިލް ޕޮއިންޓްއަށާއި މެޑިޓެރޭނިޔަން ކަނޑުގައި ދަތުރު ކުރި ލަކީ ސެއިލާ ނަމަކަށް ކިޔާ އެމެރިކާގެ އާގު ބޯޓަކަށާ އަރަބި ކަނޑުން ދަތުރު ކުރަމުން ދިޔަ އިސްރާއީލުގެ އާގުބޯޓެއްކަމަށްވާ އެމްއެސްސީ ޔުނިފިކް އަދި ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ އެމެރިކާގެ ތެޔޮ އުފުލާ ޓޭންކަރެއް ކަމަށްވާ ޑިލޯނިކްސް އަށެވެ.

ހޫޘީންގެ ހަމަލާއެއް އަރާފައިވާ އާގު ބޯޓެއް
މިހަތަރު އުޅަނދަށް ލިބުނު ގެއްލުންތައް އަދި ސާފުވެފައެއް ނުވެއެވެ. ހޫޘީންގެ ހަމަލާތައް އަމާޒުކުރަނީ މައިގަނޑު ގޮތެއްގައި އިސްރާއީލާއި އިސްރާއީލުގެ މަސްލަހަތު އޮންނަ އާގުބޯޓުތަކަށާއި ތެޔޮ ޓޭންކަރު ފަދަ ކަނޑުގެ އުޅަނދުތަކަށެވެ.
އެއީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަކާއި ގަތުލުއާންމުތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. ނަމަވެސް އިސްރާއީލުގެ އަނިޔާވެރިކަމާއި ގަތުލުއާންމުތަކަށް ވާގިވެރިވާ މައިގަނޑު ދެގައުމު ކަމަށްވާ އެމެރިކާއާއި އިނގިރޭސިވިލާތުން ހޫޘީންގެ ތަންތަނަށް ހަމަލާތައް ދެމުންގެންދާތީ އެކަމަށް ބަދަލު ހިފުމުގެ ގޮތުން އެދެގައުމުގެ އާގު ބޯޓުތަކަށާއި ތެޔޮ ޓޭންކަރުތަކަށްވެސް ހޫޘީން ގެންދަނީ ހަމަލާތައް ދެމުންނެވެ.
ހޫޘީންގެ ހަމަލާތައް ހުއްޓުވުމުގައި އެމެރިކާއާއި އިނގިރޭސިވިލާތްވަނީ މުޅިން ނާކާމިޔާބު ވެފައެވެ. ހޫޘީންގެ ހަމަލާތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ ކަނޑުގެ އުޅަނދުތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. ހޫޘީންވަނީ އިސްރާއީލު އާގު ބޯޓެއް ހިފަހައްޓައި އިނގިރޭސިވިލާތުގެ ބޯޓެއް ކަނޑަށް ފައްތާލާފައެވެ.
ހޫޘީންގެ ހަމަލާތަކުން ލިބޭ ގެއްލުން އެމެރިކާ، އިސްރާއީލު އަދި އިނގިރޭސިވިލާތުގެ ކުންފުނިތަކަށް ވަރަށް ބޮޑެވެ. ހޫޘީންގެ ހަމަލާތަކާއެކު ރަތްކަނޑާއި ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަދަދުވަނީ 80 އިންސައްތަ މަދުވެފައެވެ. ހޫޘީންގެ މިހަމަލާތަކާ ގުޅިގެން ދުނިޔޭގެ މެރިޓައިމް ސިނާއަތަށްވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
މިކަމުގެ ނޭދެވޭ އަސަރު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ކުރެއެވެ. ނަމަވެސް މިކަމުގެ ޒިންމާ ހޫޘީން އަޅުވަނީ އިސްރާއީލާއި އިސްރާއީލުގެ ޓެރަރިޒަމަށް ވާގިވެރިވާ އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ހުޅަނގުގެ ގައުމުތަކަށެވެ.
ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތައް ހުއްޓާލައިފިނަމަ ހޫޘީން ގެ ހަމަލާތައްވެސް ހުއްޓާލާނެކަމަށް އެޖަމާއަތުން ބުނެއެވެ. ހޫޘީންގެ އިތުރުން އިރާގުގައި ހަރަކާތްތެރިވާ ރެސިސްޓެންސް ޖަމާއަތްތަކުން އިސްރާއީލުގެ އާގު ބޯޓުތަކާއި އިސްރާއީލުގެ ބަނދަރުތަކަށްވެސް ދުރުރާސްތާގެ އަސްކަރީ ޑްރޯންތައް ބޭނުންކޮށްގެން ހަމަލާތައް ދެއެވެ.
ދާދިފަހުން އިރާގުގެ ޖަމާއަތަކުންވަނީ އިސްރާއީލުގެ ހައިފާ ބަނދަރުގައި އޮތް ހަތަރު އާގުބޯޓަކަށް ވެސް ޑްރޯނުން ޙަމަލާތަކެއް ދީފައެވެ. ހޫޘީންގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އަސްދޫދު ބަނދަރުގެ ހަރަކާތްތަކުގެ 80 އިންސައްތަވަނީ ހުއްޓިފައެވެ. ހޫޘީން ބުނާގޮތުން ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖަހާފައި އުދުވާނީ ހަމަލާތައް ދީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ގަތުލުއާންމު ހިންގުމުގެ ފުރުސަތު އިސްރާއީލަށް އޮންނާނެ ކަމަށް އެފަރާތްތަކުން ދެކޭއިރު އެކަމަށް ރައްދު ދިނުމުގެ ހައްގު ހޫޘީންނަށްވެސް އޮންނާނެއެވެ.