19 Jun 2012, 10:02
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީ ފަޅިން ރޭ ކުޅުނު މެޗްތައް ކާމިޔާބުކޮށް ކުއާޓާ ފައިނަލުން ސްޕެއިނާއި އިޓަލީ ޖާގަ ހޯދައިފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ސްޕޭން ކުއާޓާފައިނަލުން ޖާގަ ހޯދީ ކްރޮއޭޝިއާ ދެކޮޅަށް ކުޅުނު މެޗް 1-0 ލަނޑުން ކާމިޔާބު ކޮށްގެންނެވެ. އަދި އިޓަލީ ކުއާޓާފައިނަލަށް ދަތުރު ކުރީ އަޔަލެންޑް އަތުން 2- 0 އިން މޮޅުވެގެންނެވެ.
ރޭ ކުޅުނު މެޗުގައި ސްޕެއިން އިން ކްރޮއޭޝިއާ ކޮޅަށްޖެހި އެ ޓީމުގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 88 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު ޖީސަސް ނާވަސް އެވެ. އަދި އަޔަލެންޑް ކޮޅަށް އިޓަލީން ޖެހި އެޓީމުގެ ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ފޯވާޑް އެންޓޯނިއޯ ކަސާނޯ އެވެ. އަދި މެޗުގައި އިޓަލީން އަޔަލެންޑްގެ މައްޗަށް ލީޑް ފުޅާކުރި ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 90 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ފޯވާޑް މާރިއޯ ބަލޮޓެލީ އެވެ.
ގްރޫޕް ސީގެ މެޗްތައް ރޭ ކުޅެނިމުނުއިރު، ގްރޫޕްގެ އެއް ވަނަ ލިބުނީ ހަތް ޕޮއިންޓާއެކު އޮތް ސްޕޭން އަށެވެ. އަދި ދެ ވަނަ ލިބުނީ ފަސް ޕޮއިންޓް ހޯދި އިޓަލީ އަށެވެ. ގްރޫޕްގެ ތިން ވަނަ ކްރޮއޭޝިއާއަށް ލިބުނު އިރު، ގްރޫޕްގެ އެންމެ ފުލުގައި އޮތީ އަޔަލެންޑެވެ.
މުބާރާތުގެ ކުއާޓާފައިނަލުގައި ސްޕެއިން ނުކުންނާނީ ގްރޫޕް ޑީ ދެ ވަނަ ޓީމާ އެވެ. އަދި ކުއާޓާފައިނަލުގައި އިޓަލީ ނުކުންނާނީ ގްރޫޕް ޑީގެ އެއް ވަނަ ޓީމާ ދެކޮޅަށެވެ. އެގޮތުން ގްރޫޕް ޑީ ފަޅީގެ ފަހު މެޗްތައް ފަށާނީ މިރޭ ރާއްޖެ ގަޑިން 11:45 ގަ އެވެ.