03 Jul 2024, 12:51
ރަށްރަށުގެ ކައުންސިލްތަކުގައި ބައިވަރު ކައުންސިލް މެންބަރުން ތިބިއިރު އެ ރަށްރަށަށް ކައުންސިލްތަކުގެ ފަރާތުން އެއްވެސް ތަރައްގީއެއް ނާންނަ ކަމަށް ވެލިދޫ ދާއިރާގެ، އެމްޑީއޭގެ ނައިބު ރައީސް މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަރަންޏާ ބެހޭ ބިލަށް ބަހުސްކުރައްވަމުން އައްބާސް ވިދާޅުވީ، ކައުންސިލްތައް އުފެއްދީ ވަރަށް މާތް މަގުސަދެއްގައި ކަަމަށެވެ.
އެގޮތުން މިއަދު އެ ކައުންސިލްތަކަށް ރަށްރަށުގެ ބިމުގެ ކުލީގެ ފައިސާގެ އިތުރުން ދައުލަތުގެ ބަޖެޓުން ވެސް ބޮޑު ޕަސެންޓެއް ދެމުންދާކަން އައްބާސް ފާހަގަކުރެއްވިއެވެ.
އެހާ ގިނަ ކައުންސިލަރުން ތިބޭ އިރު ވެސް، އަދި އެހާ ބޮޑު ބަޖެޓެއް ކައުންސިލްތަކަށް ލިބޭ އިރުވެސް ރަށްރަށަށް އެއްވެސް ތަރައްގީއެއް ނާންނަކަމަށް އޭނާ ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ، ކައުންސިލުތަކުގައި ދެ ކައުންސިލަރުން ތިބުމުން ފުދޭނެ ކަމަށެވެ. ދެން އޮންނަން ޖެހޭނީ ދައުލަތުގެ މުއައްސަސާތަކުގެ އިސް ވެރިން ހިމެނޭހެން ސިޓިން ކައުންސިލެއް ކަމަށާއި އެ ބަދަލުން ދައުލަތަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް އެ ކައުންސިލް މެންބަރުން ތިބެގެން ރަށްރަށަށް އައި އެއްވެސް އުމްރާނީ ތަރައްގީއެއް ނެތް. އެހެންވީމަ ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރުމަށް ފަހު ދައުލަތުގެ އެހެން މުއައްސަސާތަކުގެ ވެރިން ހިމެނޭގޮތަށް ސިޓިން ކައުންސިލެއް އެކުލަވާލެވިގެން ކުރިއަށް ދިޔުން އެއީ ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ލުއިވެގެންދާނެ ކަމެއް،ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް
މި ބިލަށް ބަހުސްކުރައްވައި އިއްޔެ ވެސް އައްބާސް ވަނީ 200 މީހުން ހަމަނުވާ އާބާދީއެއް އޮންނަ ރަށްތަކުގައި ފަސް ކައުންސިލަރުން ތިބެން ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ރަށްރަށުގައި ތިބޭ ސެކްރެޓަރީ ޖެނެރަލުންގެ މަގާމަކީ އެއްވެސް ގޮތަކަށް ސިވިލް ސާވިސްގެ ދަށުން އޮންނަންޖެހޭ މަގާމެއްގެ ގޮތުގައި ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން އެފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ސަރުކާރަށް ހުރަސްއެޅުމުގެ ގޮތުން މަސައްކަތްތައް ކުރައްވާ ކަމުގެ ތުހުމަތުތައް ވެސް އޭނާ ކުރެއްވިއެވެ.
ދައުލަތުގެ ޚަރަދު ކުޑަކުރަންޖެހޭކަން ފާހަގަކުރައްވައި އައްބާސް އިތުރަށް ވިދާޅުވީ ކުންފުނިތަކުގެ ވެރިން މިއަދު މި މަޖިލިސް ދެކެ 'ބިރުގަންނަން ޖެހޭނެ' ކަމަށެވެ.
އެގޮތުން ގާނޫނާ ޚިލާފުވެއްޖެ ނަމަ ކުންފުނިތަކުގެ ވެރިން މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީކުރެވޭނެ ކަމަށާއި ދައުލަތުގެ ކުންފުންޏަކުން ވައްކަންކުރި ވެރިއަކު ނަމަ ރައީސަށް ލަފާއަރުވައި ވަގުތުން ވަގުތަށް އެ ކުންފުންޏަކުން އެ މީހަކު ބޭރުކުރެވި، މަސައްކަތް ކުރެވޭ ވެރިން އައްޔަނުކުރާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ތެރެއިން: ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަރަންޏާ ބެހޭ ބިލަށް މެންބަރުން ވަނީ ފުޅާދާއިރާއެއްގައި ބަހުސްކުރައްވާފައި -- ފޮޓޯ/ މަޖިލިސް
އައްބާސް ވަނީ ގައުމު ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވާ މަސައްކަތަށް އެމްޑީއޭގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މިހާރު ވެސް މަދު ކަމަށް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ މީގެ ކުރިން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ ބައްދަލުވުމުގައި ބުނެފައެވެ.
ނަމަވެސް މަޖިލީހުގެ ބައެއް މެންބަރުން އެކަމާ ދެކޮޅެވެ. މެންބަރުން ވިދާޅުވާ ގޮތުގައި ޚަރަދު ކުޑަކުރުމުގެ ގޮތުން ހަމައެކަނި މަދުކުރަންވީ މަޖިލިސް މެންބަރުން އެކަންޏެއް ނޫނެވެ. ކައުންސިލް މެންބަރުންގެ އަދަދު ވެސް މަދުކުރަން ޖެހެއެވެ.
މީގެ ކުރިން ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އޮތީ ވަރަށް ޅަފަތުގައި ކަމަށާއި، އެ ނިޒާމަށް ބަދަލުގެނެސް ހަރުދަނާ ކުރާނީ ދިރާސާކޮށް އޭގެ މައްޗަށް ތަޖުރިބާކާރުންނާއި އާންމުންގެ ޚިޔާލު ހޯދައިގެން ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް މިހާރު ދިމާވެފައި އޮތް އިގުތިސާދީ ހުރަސްތަކުން އަރައިގަންނަން ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓާ އެރްދެމް އަތާސް ވެސް ވަނީ ވިދާޅުވެފައެވެ.
މާލީ ހާލަތަށް ބަލައި ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެއީ، ދައުލަތުގެ ދަރަނި ބޮޑުވުމާއި ބޭރުން ފައިސާ ހޯދަން ހުރި ދަތިތައް ފާހަގަކޮށް، ގެނައި ބަދަލެކެވެ.