އިސްރާއީލުގެ ފައުޖުތަކުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކަށް ގާތްގަނޑަކަށް ނުވަ މަސް ވެފައިވާއިރު، އިސްރާއީލުގެ އެ އަނިޔާވެރިކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ތާއީދުކުރެއްވުމާ ގުޅިގެން އެ ގައުމުގެ ސަރުކާރުގެ ނުވަ އޮފިޝަލަކު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ޑިޕާޓްމަންޓް އޮފް އިންޓީރިއާގެ ސްޕެޝަލް އެސިސްޓެންޓެއްގެ މަގާމުގައި ހުންނެވި މަރިޔަމް ހަސަނީން ހިމެނެއެވެ. އޭނާ ވަނީ ބައިޑަންގެ ޚާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެ، އެއީ ނަސްލު ނައްތާލުމަށް މަގުފަހިކޮށްދޭ، އަރަބިންނާއި މުސްލިމުންނަށް ނުރައްކާ ސިޔާސަތެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް ޕޮޕިއުލޭޝަން، ރެފިއުޖީސް އެންޑް މައިގްރޭޝަންގައި މަސައްކަތް ކުރެއްވި ސްޓޭސީ ގިލްބަޓް ވެސް މަގާމުން ވަކިވެވަޑައިގެންފައިވާއިރު އޭޏާ އިސްތިއުފާ ދެއްވީ މެއި މަހުގެ ފަހުކޮޅުގައެވެ. އޭނާ ވިދާޅުވީ އިސްތިއުފާ ދެއްވީ އިސްރާއީލުން ޣައްޒާއަށް ދޭ އިންސާނީ އެހީތެރިކަން ހުއްޓުވާފައި ނުވާ ކަމަށްބުނެ ކޮންގްރެސްއަށް ފޮނުވި ރިޕޯޓަކާ ގުޅިގެން ކަމަށެވެ. އެ ރިޕޯޓުގައި އިސްރާއީލުން ވާހަކަ ދައްކާފައި ވަނީ ހަގީގަތާ ޚިލާފަށް ކަމަށް ގިލްބަޓް ވިދާޅުވިއެވެ.

އެމެރިކާގެ އެހީ ފޯރުކޮށްދޭ އިދާރާ ޔޫއެސްއެއިޑްގެ ކޮންޓްރެކްޓަރެއް ކަމަށްވާ އެލެގްޒެންޑާ ސްމިތު މެއި މަހުގެ ފަހުކޮޅު ވަޒީފާއިން ވަކިވެވަޑައިގަތީ ފަލަސްތީނުގެ މައިންނާއި ކުޑަކުދިން މަރުވާ މައްސަލައާ ބެހޭ ގޮތުން އޭނާ ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަން ދެއްކުން އެމެރިކާގެ ޚާރިޖީ އޭޖެންސީން މަނާކުރުމާ ގުޅިގެންނެވެ.

ހަމަ އެ މަހު، ފަލަސްތީން މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި މަގާމުން އިސްތިއުފާ ދެއްވި ލިލީ ގްރީންބާގް ކޯލް އަކީ ސިޔާސީ މަގާމެއްގައި ހުންނަވައި އިސްތިއުފާ ދެއްވި ފުރަތަމަ ޔަހޫދީ ދީނުގެ ބޭފުޅާއެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ އަރަބި ބަހުގެ ތަރުޖަމާނު ހާލާ ރައްރިތު އެޕްރީލް މަހު މަގާމުން ވަކިވެވަޑައިގަތީ އެމެރިކާއިން ގެންގުޅޭ ޣައްޒާގެ ސިޔާސަތާ ދެކޮޅު ކަމަށް ވިދާޅުވެއެވެ.

އެނެލް ޝެލައިން ވަނީ މާޗް މަހުގެ ފަހުކޮޅު ސްޓޭޓް ޑިޕާޓްމަންޓުގެ އިންސާނީ ހައްގުތަކާ ބެހޭ ބިއުރޯއިން އިސްތިއުފާ ދެއްވައިފައެވެ. އޭނާއާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފައިވަ ގޮތުގައި "އެފަދަ އަނިޔާވެރި އަމަލުތައް ހިންގުމަށް މަގުފަހިކޮށްދޭ" ސަރުކާރަކަށް އޭނާއަށް ޚިދުމަތް ނުކުރެވޭނެއެވެ.

ފަލަސްތީނާއި އެމެރިކާ ރަށްވެހިކަން އޮންނަ ބޭފުޅެއް ކަމަށްވާ ތާރިގު ހަބާޝް ވަނީ އެޑިއުކޭޝަން ޑިޕާޓްމަންޓުގެ ޕްލޭނިންގް އޮފީހުގެ ސްޕެޝަލް އެސިސްޓެންޓެއްގެ މަގާމުން މިދިޔަ ޖެނުއަރީ މަހު ވަކިވެވަޑައިގެންފައެވެ. އޭނާ ވިދާޅުވީ ބައިޑެން ސަރުކާރުން އޮތީ ޣައްޒާގައި ހިންގަމުންދާ އަނިޔާވެރިކަން ނުފެންނަ ކަމަށް ހަދައިގެން ކަމަށެވެ.

އެމެރިކާ ސިފައިންގެ މެޖޯރިޓީ އަދި ޑިފެންސް އިންޓެލިޖެންސް އެޖެންސީގެ އޮފިޝަލެއް ކަމަށްވާ ހެރިސަން މާން ވަނީ އެމެރިކާއިން ގެންގުޅޭ ޣައްޒާގެ ސިޔާސަތާ ގުޅިގެން މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވައިފައެވެ.

މީގެ އިތުރުން ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް ޕޮލިޓިކަލް މިލިޓަރީ އެފެއާޒްގެ ޑިރެކްޓަރު ޖޯޝް ޕޯލް ވަނީ އިސްރާއީލުން ޣައްޒާއަށް ހަމަލާތައް އޮކްޓޫބަރު ދޭން ފެށިތަނާ އިސްތިއުފާ ދެއްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުން ޣައްޒާއަށް ދެމުންގެންވާ އަނިޔާވެރިކަމަށް އެމެރިކާއިން އަންނަނީ ފުރިހަމަ ތާއީދާއި ސަޕޯޓު ދެމުންނެވެ.

އިސްރާއީލުގެ އަނިޔާވެރިކަމުގައި މިހާތަނަށް ފަލަސްތީނުގެ 37،900 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެމެރިކާއަކީ އިސްރާއީލުގެ އެ އަނިޔާވެރިކަމަށް މާލީ އަދި އަސްކަރީ ގޮތުން އެންމެ ބޮޑަށް އެހީތެރިވާ އެއް ގައުމެވެ.