03 Jul 2024, 11:27
އެމްޑީޕީގެ ކިބައިން މި ގައުމު ސަލާމަތްކޮށްދޭންޖެހޭ ކަމަށާއި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދިވެހި ދައުލަތަށް ވީ ޚިޔާނާތް ހޯދައި ރަނގަޅަށް ބަލަންޖެހޭ ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަރަންޏާ ބެހޭ ބިލަށް ބަހުސްކުރައްވަމުން ފަލާހު މިއަދުގެ ޖަލްސާގައި ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުން މި ގައުމުގެ މާލީ ހާލަތަށް ވެފައިވާ ޚިޔާނާތް ރައްޔިތުންނަށާއި އަންނަން އޮތް ޖީލުތަކަށް އެނގިގެން ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ފަލާހު ވިދާޅުވީ، ދައުލަތުން ޚަރަދުކުރެވޭ ވަރާ ރާއްޖޭގައި ހުރި ދަރަނިތަކާ ދޭތެރޭ މިއަދު މިއޮތީ ވަރަށް ބޮޑަށް ވިސްނަންޖެހިފައި ކަމަށެވެ.
އެ ހާލަތަށް ގައުމު ދާން ޖެހުނީ މިދިޔަ އެމްޑީޕީ ސަރުކާރާ ހެދި ކަމަށް ވިދާޅުވެ ފަލާހު ވަނީ ތުހުމަތުތައް ކުރައްވާފައެވެ.
އެމްޑީޕީއަށް ވެރިކަން ދިނުމާމެދު ވަރަށް ބަލަންޖެހޭ ރައްޔިތުން. މިބޭފުޅުން ވެރިކަމަށް އަންނަނަމަ އެއީ ވަރަށް ބިރުވެރި ކަމެއް. ބައްލަވާ އެ (އެމްޑީޕީ ސަރުކާރު) ދިޔައީ 1 ބިލިއަން ޑޮލަރު 2026 ވަނަ އަހަރު ދައްކަންޖެހޭ މިބޭފުޅުންގެ ދަރަނިތަކާ ހެދި. ދަރަނި ދައްކަން ހެދީ ކިހިނެއްތޯ؟ ކަންކަން ކުރަން ނޭނގޭވަރަކީ، އެހެން ސަރުކާރުތަކުން ނަގާފައި ހުރި ލޯނުތައް ދައްކަން ވެސް ނެގީ ލޯނު، އާމްދަނީއެއް ހޯދަން އެއްވެސް ކަހަލަ ޕްލޭނެއް ނޭނގޭ، ހަމައެކަނި ކުރަން އެނގުނު ކަމަކީ ފައިސާ ޗާޕުކުރުން،އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު
ފަލާހު ވިދާޅުވީ މިދިޔަ ފަސް އަހަރުތެރޭ ދައުލަތަށް އާމްދަނީއެއް ވަންނާނެ ފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.
އެހެންކަމުން މިދިޔަ ސަރުކާރުން ވި ޚިޔާނާތްތައް ހޯދައި ރަނގަޅަށް ބަލަންޖެހޭ ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި އެކަން ކުރުމަށްޓަކައި މަޖިލީހުން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ފަލާހު ވިދާޅުވިއެވެ.
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެކަމަށް ރައްދު ދެއްވާ އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މިދިޔަ ސަރުކާރުން ދަރަނި ބޮޑުވީ ކޮވިޑުގެ ވަބާގައި ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ދިޔުމުންކަން 'ފޮތުން ވެސް މިއަދު އެނގެން އެބައޮތް' ކަމަށެވެ.
މިތަނުގައި މިއަދު ދައްކާ ވާހަކައަކީ ބައެއްގެ އަބުރު ކަތިލާފަ، ދަރަނީގެ ވާހަކަ މިދިޔަ ސަރުކާރުގެ ބޮލަށް ޖެހުން. އަޅުގަނޑުމެން ވެސް މިފަހަރު ވެރިކަމަށް އައި ނަމަ ދަރަނީގެ މައްސަލަ ހައްލުކުރާނަމޭ. މިއަދު މިތަނުގައި އަބުރުކަތިލަމުން ދަނީ. މިއީތޯ 20 ވަނަ މަޖިލީހުގެ ތަސައްވަރަކީ؟ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަރަންޏާ ބެހޭ ބިލާ އެކު ވެސް މިދިޔަ އެމްޑީޕީ ސަރުކާރުން ކަންތައް ކުރި ގޮތުން ގައުމުގެ ދަރަނި ބޮޑުވި ކަމަށް ވިދާޅުވެ ސަރުކާރަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް ވަނީ އާދިއްތަ ދުވަހުގެ ޖަލްސާގައި ވެސް
މި މަހުގެ 25 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.
މަޖިލީހަށް ހުށަހެޅި ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގައި ހިމެނެނީ:
- ދައުލަތުގެ ދަރަނި ނެގުމާ ބެހޭ އުސޫލުތައް
- ދަރަނި މެނޭޖުކުރުމާ ބެހޭ އުސޫލުތައް
- ދައުލަތުގެ ދަރަންޏާ ބެހޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓް ކުރުމާ ގުޅޭ އުސޫލުތައް
- ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް
- ދައުލަތުގެ ސޮވެރިން ގެރެންޓީ ދިނުމާ ބެހޭ އުސޫލުތައް
ގައުމުގެ މާލީ ހާލަތާއި އިގްތިޞާދު މިހާރު އޮތް ގޮތުން ސިޔާސީ މަގާމުތައް މަދުކުރުމަށާއި، ކުރިއަށް އޮތް މިނިވަން ދުވަހުގެ ހަރަކާތްތައް ނުބާއްވަން ނިންމަވައިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ވަނީ އިއުލާނުކުރައްވައިފައެވެ.