03 Jul 2024, 09:22
ކްރިމިނަލް ކޯޓުގައި ދޭވާނީއެއް މިވަގުތު ނެތް ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ބެލުމުގެ ދަށުން ހައްދުޖެހުމުގެ ކަންކަން ކުރިއަށްދާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފިއެވެ.
ކްރިމިނަލް ކޯޓުން މިފަދައިން ބުނެފައި ވަނީ، އެ ކޯޓުގައި ދެވާނީއެއް ނެތުމުގެ ސަބަބުން ހައްދު ޖެހުމުގެ ކަންކަން ހުއްޓިފައިވާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން 'ސަން' އަށް މައުލޫމާތުދެމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ކޯޓުން ދެވާނީއެއް ހޯދުމަށް އިއުލާނު ކުރީ މީގެ ކުރިން އެ މަގާމުގައި ހުރި މީހާ މަގާމުން އިސްތިއުފާދިނުމާ ގުޅިގެން ކަމަށެވެ.
އަދި އޭނާ އިސްތިއުފާދިންތާ މަހެއް ވެސް ނުވާ ކަމަށާއި އަލަށް އެ މަގާމަށް މީހަކު އައްޔަނުކުރުމާ ދޭތެރޭ ވަގުތު ވެސް ނަގާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް ހައްދުޖެހުން ނުހުއްޓޭކަމަށް އޭނާ ވިދާޅުވިއެވެ.
ހައްދުޖަހާނެ މީހަކު ހޯދަން ކްރިމިނަލް ކޯޓުން ކުރި އިއުލާނުގެ މުއްދަތު މިއަދަށް ހަމަވާނެއެވެ.
ކްރިމިނަލް ކޯޓުގައި ދޭވާނީއެއް ނެތިގެން ހައްދުޖެހުން ހުއްޓިފައި އޮތް ކަމަށް ޕީޖީ ޝަމީމް އިއްޔެ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައެވެ. އެ ކޮމިޓީގައި އިންނަވާ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު އިބްރާހިމް ނާޒިލް ވަނީ ދޭވާނީއެއް ހޯދައި، ހުކުމް ތަންފީޒުކުރުމުގެ ކަންކަން ކޯޓުން ކުރަނީ ކީއްވެތޯ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ޝަމީމް ވިދާޅުވީ، ހައްދުޖެހުމުގެ ކަންކަން ޒަމާނުއްސުރެ ކުރަމުން އަންނަނީ ކްރިމިނަލް ކޯޓުން ކަމަށެވެ.
އެ ވާހަކަތައް ހިއްސާކުރައްވަމުން ޝަމީމް ވިދާޅުވީ، އެ ކޯޓުގައި ދޭވާނީއެއް ނެތިގެން ހައްދުނުޖަހާތާ ވެސް ދުވަސްކޮޅެއްވެފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓަށް ދޭވާނީއެއް ހޯދަން އިއުލާނުކޮށްފައިވަނީ މުސާރައާއި އިނާޔަތުގެ ގޮތުގައި 8،000 ރުފިޔާއަށެވެ.