ޓެލްއަވީވު (3 ޖުލައި 2024) : ހަމާސް އާއެކު އަސީރުން މިނިވަން ކުރުމުގެ އެއްބަސްވުމަކަށް ނުގޮސް ޣައްޒާގައި ހަމާސް ބަލިކުރެވިއްޖެކަމަށް ބުނެ ހަނގުރާމަ ހުއްޓާލަން ތައްޔާރުވަމުންދާކަމަށް އިސްރާއީލު ސިފައިންގެ މުއައްސަސާއިން ބުނެފިއެވެ.

އިސްރާއީލު ސިފައިންގެ އިސް ފަރާތްތަކާ ހަވާލާދީ އެގައުމުގެ ނޫހެއްކަމަށްވާ "ހާއާރެޓްސް" ބުނާގޮތުން ޣައްޒާގައި އިސްރާއީލު ސިފައިން ގިނަ އަދަދަކަށް މަރުވެ އަދި އަދި ޒަޚަމްވަމުންދާތީއާއި ގިނަ އަދަދެއްގެ ސިފައިންނަށް ނަފްސާނީ މައްސަލަތައް ކުރިމަތިވެ ހަނގުރާމަ ނުކުރެވޭ ހާލަތަކަށްދާތީ މިހާރު މި ކުރާގޮތަށް ހުއްޓުމެއްނެތި އިންޓެންސިވްކޮށް ހަނގުރާމަކުރުން ހުއްޓާލުމަށް ވަނީ ރާވާފައެވެ. އަދި އެހެން މަރުހަލާއަކަށް (ހަތަރުވަނަ މަރުހަމާލާއަށް) ހަނގުރާމައިގެ ކަންތައް ގެންދިޔުމަށް އިސްރާއީލު ސިފައިންގެ އެންމެ އިސް ޖެނެރަލުންނާއި ކޮމާންޑަރުން ނިންމައި އެކަމާބެހޭ ޕްލޭންތައްވެސް މިހާރު ވަނީ ހަދާފައެވެ.

ޣައްޒާގެ ހަނގުރާމައިގެ ހަތަރުވަނަ މަރުހަލާއަކީ ބޭނުންވެއްޖެ ހިނދެއްގައި ކުއްލި ގޮތްގޮތަށް ހަމަލާތައްދީ ކުއްލި އަސްކަރީ އޮޕަރޭޝަންތައް ޣައްޒާގައި ހިންގުންކަމަށާއި އެއީ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހަނގުރާމަކޮށް އަސްކަރީ އޮޕަރޭޝަންތައް މިހާރު ހިންގަމުން ގެންދާގޮތަށް އެކަން ކުރުންކަމަށް ވެސް އިސްރާއީލު ސިފައިންގެ އިސް ފަރާތްތަކާ ހަވާލާދީ "ހާއާރެޓްސް" ނޫސް ބުނެއެވެ.

ހަފުތާއެއްގެ ތެރޭގައި ހަމަލާތައް ހުއްޓާލައި ހަތަރުވަނަ މަރުހަލާ ފެށުމަށް ރާވާފައިވާކަމަށް އިސްރާއީލު ސިފައިން ބުނިނަމަވެސް އިސްރާއީލުގެ ދިފާއީ ވަޒީރާއި ބޮޑުވަޒީރުފަދަ ސިޔާސީ ލީޑާޝިޕްގެ ރުހުން މި ޕްލޭނަށް ނުލިބޭކަމަށް އެ ނޫސް ބުނެއެވެ.

ލިބޭ ގެއްލުންތަކާ ގުޅިގެން އިސްރާއީލު އަންހެން ސިފައިންގެ ބަޔަކު ހިތާމަކޮށް ރޮނީ

"ހާއާރެޓްސް" ބުނާގޮތުން އިސްރާއީލުގެ ސިޔާސީ ލީޑާޝިޕްގެ ރުހުން ނުލިބުނަސް މިޕްލޭން ތަންފީޒު ކުރަން ސިފައިން ތިބީ ތައްޔާރުވެގެންނެވެ. އެއީ މި ނޫންގޮތެއް އަސްކަރީ ނަޒަރަކުން އިސްރާއީލަށް މިހާރު ނެތްކަމަށް އެ ގައުމުގެ އަސްކަރީ އިސް ކޮމާންޑަރުން ދެކޭތީއެވެ.

މިއީ އިސްރާއީލުގެ ސިޔާސީ ލީޑާޝިޕް އާ ދެކޮޅަށް އިސްރާއީލުގެ ސިފައިންގެ މުއައްސަސާ މުހިއްމު އަދި ސްޓްރެޓީޖިކް ނިންމުމެއް ނިންމައި ތަންފީޒުކުރާ ފުރަތަމަ ފަހަރެވެ. މިކަމުގެ ސަބަބުން އިސްރާއީލުގެ އެތެރޭގެ ކޯޅުމަކަށް ދިޔުމަކީވެސް އެކަށީގެންވާކަމެއް ކަމަށް ވެއެވެ. ނަމަވެސް ޣައްޒާގައި އިސްރާއީލު ސިފައިން ގިނަ އަދަދަކަށް މަރުވެ ޒަޚަމްވަމުންދާތީއާއި ހަމާސް އެއްކޮށް ބަލިކުރުމަކީ އެތައް އަހަރަކުން ނޫނީ ނުކުރެވޭނެކަމެއް ކަމަށް އިސްރާއީލު ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލްގެ އިސްކޮމާންޑަރުންނާއި އިސް ޖެނެރަލުން މިހާރު ގަބޫލުކުރާ ކަމަށް "ހާއާރެޓްސް" ބުނެއެވެ.

ހަމާސްގެ އަތްދަށުގައި ހައްޔަރުކޮށްފައި އިސްރާއީލު ސިފައިންނާއި އާންމުންގެ 120 އަށްވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި މިހާރުވެސް އެބަތިއްބެވެ. މިގޮތަށް ހާލަތު އޮއްވައި ހަމާސް އެއްކޮށް ބަލިކުރެވިއްޖެކަމަށް ބުނެ ހަނގުރާމަ ހުއްޓާލުމަކީ ލަދުވެތިކަމަކަށް ވެފައި އެއީ އިސްރާއީލުގެ އާންމުންވެސް ގަބޫލުނުކުރާނެ ކަމަކަށްވާތީ ހަނގުރާމަ ހުއްޓާލަން ސިފައިން އުޅެނީ އެހެން ބަހަނާއެއް ދައްކައިގެންކަމަށް ވެސް "ހާއާރެޓްސް" ބުނެއެވެ.

އެއީ ހަމާސް ބަލިނުކުރެވުނު ނަމަވެސް އެ ޖަމާއަތުގެ އަސްކަރީ ބާރު ވަރަށް ބޮޑަށް ކުޑަކުރެވިއްޖެކަމުގެ ބަހަނާއެވެ. އަދި ހަތެއް އޮކްޓޯބަރުގައި ހަމާސްއިން އިސްރާއީލަށް ދިންފަދަ ކުއްލި ހަމަލާތައް ދީ އިސްރާއީލު ސިއްސުވާލައި އިސްރާއީލަށް ވާނުވާ ނޭންގޭފަދަ ގަދަފަދަ ހަމަލާތައް ދިނުމުގެ ގާބިލުކަން މިހާރު ހަމާސްގެ ކިބާގައި ނެތްކަމަށް ބުނެ ދައްކާ ބަހަނާއެވެ. ނަމަވެސް ދުވަސްތަކަކަށްފަހު އަލުން ހަމާސް ވަރުގަދަ ކޮށް ކުރިޔަށްވުރެ ވަރުގަދަ ގޮތެއްގައި ނުކުތުމުގެ ބިރު އެބައޮތްކަމަށް އިސްރާއީލުގެ އިސް ޖެނެރަލުން ގަބޫލުކުރެއެވެ. ފާއިތުވި ނުވަ މަސްތެރޭގައި ހަމާސްގެ ހަނގުރާމަވެރިން ވަނީ ގިނަ އަދަދެއްގެ ހަތިޔާރު އިސްރާއީލު ސިފައިންގެ އަތްދަށުންވެސް އަތުލާފައެވެ.

ފާއިތުވި ދެ ދުވަހުވެސް ހަމާސް އިންވަނީ އިސްރާއީލުގެ ދެ އޮފިސަރުންނާއި ހަތަރު ސިފައިން މަރާލައި 30 އަށް ވުރެގިނަ ސިފައިން ޒަޚަމްކޮށްލާފައެވެ. މިއީ އިސްރާއީލު އެއްބަސްވާ ވަރެވެ. ނަމަވެސް ހަގީގަތުގައި މީގެ ދެގުނަ ނުވަތަ ތިންގުނަ ގެއްލުން ފާއިތުވި ދިޔަ ދެ ދުވަހުވެސް އިސްރާއީލު ސިފައިންނަށް ލިބިފައިވާކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެއެވެ.

ނުރަސްމީ ރިޕޯޓްތައް ބުނާގޮތުން ޣައްޒާގައި އިސްރާއީލު ސިފައިން ކުރާ ހަނގުރާމައިގައި ސިފައިންގެ 10 ހާހަށްވުރެގިނަ މީހުން މިހާތަނަށްވަނީ މަރުވެފައެވެ. އަދި 30 ހާހެއްހާމީހުން ވަނީ ޒަޚަމްވެފައެވެ. ހަނގުރާމައިގެ ސަބަބުން ނަފްސާނީ މައްސަލަތައް ކުރިމަތިވެފައިވާ ސިފައިންނާއެކު ޖުމްލަ 70 ހާހަށްވުރެ ގިނަ ސިފައިން ހަނގުރާމަ ނުކުރެވޭ ހާލަތުގައި މިހާރު ތިބިކަމަށްވެސް އިސްރާއީލުގެ އެތެރޭގެ ނުރަސްމީ ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލު އެއްބަސްވެފައިވަނީ ޣައްޒާގެ ހަނގުރާމައިގާ މިހާތަނަށް 672 ސިފައިން މަރުވެ 3500 ސިފައިން ޒަޚަމްވި ކަމަށެވެ. އަދި އޮކްޓޯބަރު ހަތެއްގައި ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގައި އިސްރާއީލުގެ ސިފައިންނާއި އާންމުން ހިމެނޭގޮތަށް 1200 އަށް ވުރެގިނަމީހުން މަރުވެފައިވެއެވެ. އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވެއެވެ.

އިސްރާއީލުގެ ހައްދު ފަހަނާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމާސް އެއްކޮށް ބަލިކޮށް ޣައްޒާއިން ހަމާސް ބޭރުކޮށް ނުލެވެނީސް ހަނގުރާމަ ހުއްޓާނުލާނެކަމަށް ވިދާޅުވެ އިއްޔެވެސް ގަދަބަސް ވިދާޅުވެ ވާހަކަ ދައްކާފައެވެ. މި ނޫން ވިސްނުމެއްގައި ނިންމުންތައް ނިންމައިފިނަމަ އިސްރާއީލުގެ އެތެރޭގައި ދާޚިލީ ހަނގުރާމައެއްގެ ހުޅުގަނޑު ރޯވެދާނެކަމުގެ އިންޒާރުވެސް ނަތަންޔާހޫ ވަނީ ދީފައެވެ. ހަމާސް ބަލިނުކުރެވޭނެކަމަށް ދެކޭ ފަރާތްތަކަކީ ފިނޑިންކަމަށާއި އެއީ އިސްރާއީލުގެ ގައުމީ މަސްލަހަތަށް ނުވިސްނާ ބައެއްކަމަށް ވެސް ނަތަންޔާހޫ ބުނެފައިވެއެވެ.