ޕާކިސްތާނުގެ މަޝްހޫރު ތަރިން ކަމަށްވާ ފަވާދު ޚާން އާއި ސަނަމް ސައީދު މުހިއްމު ރޯލް ކުޅޭ ވެބް ސީރީސް "ބަރުޒަޚު"ގެ ޓްރެއިލާ އާއްމުކޮށްފިއެވެ.

ދިވެހީންގެ މެދުގައި ވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި ދެ ތަރިންގެ ސީރީސް "ބަރުޒަޚު"އަކީ ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ސީރީސްއެކެވެ. ޕާކިސްތާނުގެ އުތުރުގައި އޮންނަ ހިތްގައިމު ފަރުބަދަ މަތީ ސަރަހައްދު ހަންޒާ ވާދީގައި ޝޫޓްކޮށްފައިވާ މި ސީރީސް އަކީ ޢުމުރުން 76 އަހަރުގެ މީހެއްގެ އަސަރުގަދަ ލޯބީގެ ވާހަކަ ކިޔައިދޭ ސީރީސްއެކެވެ.

ދުނިޔެ ދޫކޮށްފައިވާ އޭނާގެ ލޯބިވެރިޔާއާ ބައްދަލުވާނެ ކަމަށް އުއްމީދުކޮށް އެކަމަށް އާއިލާގެ ގިނަ މެމްބަރުންތަކެއް އެއްތަންކޮށް ހިނގާ ޖަޒުބާތީ ގިނަ ހާދިސާތަކެއް މި ސީރީސްއިން ބެލުންތެރިންނަށް ގެނެސްދޭނެއެވެ.

ފަވާދު އަދި ސަނަމް މަގުބޫލު ޓީވީ ސިލްސިލާ "ޒިންދަގީ ގުލްޒާރު ހޭ"ގެ މަންޒަރެއްގައި--ފޮޓޯ/ފޭސްބުކް
ޖުމްލަ ހަ އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސީރީސް ޕްރިމިއާ ކުރަން ނިންމާފައި ވަނީ މި މަހުގެ 19ގައެވެ. މި ސީރީސް ސްޓްރީމް ކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ މަޝްހޫރު ސްޓްރީމިންގް ޕްލެޓްފޯމްތައް ކަމަށްވާ ޒީ5 އާއި ޒީ ޒިންދަގީގެ ޔޫޓިއުބް ޗެނަލްތަކުންނެވެ.

ސަނަމް އާއި ފަވާދުގެ އިތުރު ސީރީސްއެއް ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނައިރު މި ދެތަރިން އެކީގައި ސީރީސްއަކުން ބަލާލަން ގިނަ ބަޔަކު ތިބީ ބޭނުންވެފައެވެ. ސަނަމް އާއި ފަވާދު މުހިއްމު ރޯލް ކުޅުނު ކާމިޔާބު ޓީވީ ސިލްސިލާ "ޒިންދަގީ ގުލްޒާރު ހޭ"އަކީ އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ސިލްސިލާއެކެވެ.

ސަނަމް އާއި ފަވާދު އަންނަނީ ސޮނީ ލިވްއިން "ޝަންދޫރު"ގެ ނަމުގައި އުފައްދާ ސީރީސްއެއްގައި ވެސް މަސައްކަތް ކުރަމުންނެވެ. މިދިޔަ މަހުތެރޭ މި ސީރީޒްގެ މަސައްކަތް ފެށިފައިވާއިރު ބެލުންތެރިންނަށް ސީރީސް ދޫކޮށްލާނެ ތާރީޚެއް އަދި ކަށަވަރެއް ނުވެއެވެ.