ދެވަނަ އިންޓަ އޮފީސް ކެރަމް މުބާރާތުގެ އިންޑިވިޖުއަލް އިވެންޓުތަކުގެ ފައިނަލްތަކަށް ކުޅުންތެރިން ހޮވިއްޖެ އެވެ.

ޖުމްލަ ފަނަރަ އޮފީހަކުން 138 ކުޅުންތެރިއަކު ވާދަކުރާ މިމުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓުގެ ފައިނަލުން ޖާގަ ކަށަވަރުކޮށްފައިވަނީ އެމްއެންޑީއެފްގެ އަހްމަދު ހާމިދާއި އެސްޓީއޯގެ އަބްދުﷲ ޝަބީނެވެ. އަދި އަންހެން ސިންގަލްސް ފައިނަލުން ޖާގަ ކަށަވަރުކޮށްފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އައިމިނަތް ހަލީމް އާއި މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނާޖީގެ އިފާޝާ ޝަރީފެވެ.

ފިރިހެން ޑަބަލްސް ފައިނަލުން އެއްކޮޅުން ޖާގަ ކަށަވަރުކޮށްފައި ވަނީ މޯލްޑިވިސް ޕޮލިސް ސާވިސްގެ އަބްދުﷲ ފިރުޝާނާއި މުހައްމަދު އިބްރާހިމް އެވެ. ދެވަނަ ޕެއަރއެއްގެ ގޮތުގައި ފައިނަލުން ޖާގަ ކަށަވަރުކޮށްފައި ވަނީ އެސްޓޯއޯގެ ހުސެއިން އަލީ އާއި އަބްދުﷲ ޝަބީން އެވެ. އަންހެން ޑަބަލްސް ފައިނަލުން އެއްކޮށްޅުން ޖާގަ ކަށަވަރުކޮށްފައި ވަނީ އެސްޓީއޯގެ މަރިޔަމް ނިޔާޝާ އާއި ލަޔާލީ އަލީ އެވެ. ދެވަނަ ޕެއަރއެއްގެ ގޮތުގައި ފައިނަލުން ޖާގަ ކަށަވަރުކޮށްފައި ވަނީ އެމްއެންޑީއެފްގެ އައިމިނަތް އަލީ އަދި އައިމިނަތް އަޒީމާ އެވެ.

އޯޕަން ސިންގަލްސް އިވެންޓުގެ ފައިނަލުން ޖާގަ ކަށަވަރުކޮށްފައި ވަނީ އެސްޓީއޯ ގެ ހުސެއިން އަލީ އާއި އެމްއެންޑީއެފްގެ އަހްމަދު ހާމިދެވެ.

މިހާރުކުރިއަށް ދަނީ މިމުބާރާތުގެ އެންމެ މުހިއްމު އިވެންޓުކަމުގައިވާ ޓީމު އިވެންޓުތަކުގެ މެޗުތަކެވެ. ނުވަ އަންހެން ޓީމަކާއި ފަނަރަ ފިރިހެން ޓީމެއް ވާދަކުރާ މިމުބާރާތުގައި ބައިވެރިވެފައިވާ އޮފީސްތަކަކީ ބެންކް އޮފް މޯލްޑިވްސް، ދިރާގު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެންޑީއެފް، މޯލްޑިވްްސް ޕޮލިސް ސާރވިސް، އެމްޓީސީސީ، މޯލްޑިވިއަން އެއާ ޓެކްސީ، މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނާޖީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، އޮފީސް އޮފް ޕްރޮގްރާމް އެންޑް ޕްރޮޖެކްޓްސް، ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އަދި ކޮސްޓް ލައިން އިންވެސްޓްމަންޓެވެ.