03 Jul 2024, 00:16
ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ބުރުގައި މިރޭ ރުމޭނިއާ އަތުން ހޯދި މޮޅާއެކު ނެދަލެންޑްސް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ބަޔާން މިއުނިކްގެ އެލިއާންޒް އެރީނާގައި މިރޭ ކުޅުނު މެޗުގައި ނެދަލޭންޑްސްއިން ރުމޭނިއާ ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގައި ރުމޭނިއާ ވަނީ ގްރޫޕު ސްޓޭޖުގެ އެއްވަނަ ހޯދައިފައެވެ. އެގޮތުން ތިން މެޗުން ހަތަރު ޕޮއިންޓު ހޯދިއިރު، ނެދަލެންޑްސް ވަނީ މި މެޗުގައި ގްރޫޕު ސްޓޭޖުގައި ފެނުނު ކުޅުމާ ޚިލާފަށް މޮޅު ކުޅުމެއް ކުޅެފައެވެ.
މެޗު ފަށައިގެން ރުމޭނިއާއިން ވަނީ ވަރަށް ބޮޑަށް ނެދަލެންޑްސްއަށް ޕްރެޝަރުކޮށްފައެވެ. ނަމަވެސް ނެދަލެންޑްސްގެ ހުޝިޔާރު ކުޅުމާއެކު މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމުން ލީޑު ނެގިއެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯއެވެ. މިއީ މި މުބާރާތުގައި ގަކްޕޯ ޖެހި ތިންވަނަ ގޯލެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް ފެނުނީ ތަފާތު ނެދަލެންޑްސް އެކެވެ. އެ ޓީމުގެ ދެވަނަ ލަނޑު ފެނުނީ 83 ވަނަ މިނެޓުގައެވެ. މި ލަނޑު ޑޮންޔެލް މަލެން ކާމިޔާބުކުރީ ގަކްޕޯ ދިން ބޯޅައަކުން ގޯލު ކުރިމަތީ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
އެ ޓީމުގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކުރީ ދެވަނަ ލަނޑުވެސް ޖެހި ޑޮންޔެލް މާލެން އެވެ.
ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާއަށް ނެދަލެންޑްސް އެންމެ ފަހުން ދަތުރުކުރީ 2008 ވަނަ އަހަރެވެ.