02 Jul 2024, 23:33
އިޓަލީވިލާތުގެ އަސްކަރީ ފައިޓާ ޖެޓުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަންނަ ހުކުރު ދުވަހާ ހަމައަށް ޖައްސަމުން އަންނާނެ ކަމަށާއި އެ އުޅަނދުތަކުން ހަތިޔާރެއް ނުއުފުލާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފިއެވެ.
މިއަދު ހަވީރު 3:15 ހާއިރު މާލެ މަތިން ބާރުގަދަ އަޑުފައްގަނޑެއް އިވުނެވެ. ގިނަ ބައެއްގެ ސަމާލުކަމަށް އެ ކަން އައުމާއެކު މާލެ މަތިން އަސްކަރީ ޖެޓުތަކެއް އުދުހުނު މަންޒަރު ވެސް ވަނީ ފެނިފައެވެ. ސޯޝަލް މީޑިއާގައި ވީޑިއޯތައް ވެސް އަންނަނީ ދައުރުވަމުންނެވެ. އެ ހަތަރު ޖެޓު ވެސް ޖެއްސީ ވީއައިއޭއަށެވެ.
ފޮރިން މިނިސްޓްރީން ބުނީ އެއީ އިޓަލީވިލާތުގެ ވައިގެ ސިފައިން ބައިވެރިވާ އަސްކަރީ ތަމްރީނުތަކަކަށް ފަހު، އެނބުރި އިޓަލީވިލާތަށް ދިއުމުގެ މަގުމަތީގައި ވީއޭއައިގައި ޓްރާންސިޓް ކުރާ ޖެޓުތައް ކަމަށެވެ. އިޓަލީގެ އަސްކަރީ ބޯޓުތައް ވީއައިއޭއަށް ޖައްސާނީ "ޓެކްނިކަލް ސްޓޮޕް އޯވާ"އެއްގެ ގޮތުގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އޭގެ ބޭނުމަކީ އަސްލު މަންޒިލަށް ދިއުމުގެ މަގުމަތީގައްޔާއި، އެނބުރި އިޓަލީއަށް ދިއުމުގެ މަގުމަތީގައި ތެޔޮ އަޅަން، ނުވަތަ ކްރޫއިން އަރާމު ކުރުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ހުރިހާ އަސްކަރީ މަތިންދާ ބޯޓެއް ވެސް ޖެއްސީ، ކަމާބެހޭ އިދާރާތަކުން ދުރާލައި، އެ ކަމަށް ބޭނުންވާ ޑިޕްލޮމެޓިކް ކްލިއަރެންސް ނަގައިގެންކަން ފޮރިން މިނިސްޓްރީން ފާހަގަކުރިއެވެ.
އެ ޖެޓުތަކުގައި އެއްވެސް ހަތިޔާރެއްގެ އިތުރުން ކާގޯ ވެސް ނުހިމެނޭނެކަން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.
އެކި ގައުމުތަކުގެ އަސްކަރީ މަތިންދާ ބޯޓުތައް މީގެކުރިން ވެސް ރާއްޖެއަށް ތެޔޮ އެޅުމަށް ޓަކައި، ނުވަތަ ކުދިކުދި މަރާމާތުތައް ކުރުމަށް ދަތުރު ތެރެއިން ޖައްސައި ހަދައެވެ.
ރާއްޖޭގެ ވައިގެ ސަރަހައްދަށް ބޯޓުތައް ވަންނާނީ އެ ކަމަށް ނަގަން ޖެހޭ ހުއްދަތަކާއެކުގައެވެ. އަދި އެއާޕޯޓަކަށް ޖެއްސޭނީ ވެސް ކޮންޓްރޯލް ޓަވަރުން ކްލިއަރެންސްދީ ހުއްދަ ދިނުމާއެކުގައެވެ.