19 Jun 2012, 09:25
ރިޔާޟް (ޖޫން 19): ސަޢޫދީ ވަލީއުލްޢަހްދު ކަމުގެ މަޤާމަށް އެ ޤައުމުގެ ދިފާޢީ ވަޒީރު ސަލްމާން ބިން ޢަބްދުލްޢަޒީޒް އައްޔަން ކުރެއްވުމުގެ ޝާހީ އަމުރެއް އެ ޤައުމުގެ ރަސްގެފާނު ޢަބްދުﷲ ނެރުއްވައިފި އެވެ.
ސަޢޫދީ ވަލީއުލްޢަހްދުކަމުގެ މަޤާމަކީ އެ ޤައުމުގެ ރަސްކަމުގައި ރަސްގެފާނަށް ފަހު ދެންއޮންނަ މަޤާމެވެ. މިމަޤާމުގައި ހުންނެވި ނާއިފް ބިންޢަބްދުލްޢަޒީޒް މިދިޔަ ހޮނިހިރު ދުވަހު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން އޭނާ ފަސްދާނުލާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ. ސަޢޫދީ ރަސްގެފާނު ޢަބްދުﷲ އެކޭ އެއްގޮތަށް އޭނާގެ ކޮށްކޯފުޅު އުމުރުން 76 އަހަރުގެ ސަލްމާނަކީ ވެސް ސިއްޙީ މައްސަލަތައް ކުރިމަތިވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސަޢޫދީ ވަލީއުލްޢަހްދު ކަމުގެ މަޤާމަށް ސަލްމާން ހަމަޖެއްސުމުގެ އަމުރު ޢަބްދުﷲ ރަސްގެފާނު ނެރުއްވި ނަމަވެސް އޭނާ އެ މަޤާމަށް ރަސްމީ ސިފައެއްގައި އިސްކުރެވޭނީ ސަޢޫދީ ޝާހީ ޚާންދާންގެ އިސްބޭފުޅުން އޭނާއަށް ބައިޢަތު ހިފުމަށްފަހު އެވެ.
ވަލީއުލްޢަހްދު ކަމުގެ މަޤާމަށް ސަލްމާން ހަމަޖެއްސުމަށް ރަސްގެފާނު ނެރުއްވި ޝާހީ އަމުރުގައި އެމަޤާމުގެ އިތުރުން ދިފާއީ ވަޒީރުކަމާއި ވަޒީރުންގެ މަޖިލީހުގެ ރައީސްގެ ނައިބުކަމަށް އޭނާ ޢައްޔަންކުރެއްވި ކަންވެސް ބަޔާންކުރައްވާފައިވެ އެވެ. އަމީރު ސަލްމާނަކީ ސަޢޫދީ ރަސްކަމުގެ އެކި މަޤާމުތަކުގައި 50 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވައި ތަޖްރިބާ ޙާސިލްކުރައްވައިގެން ހުންނެވި ކޮންޒަވެޓިވް ޚިޔާލުގެ ބޭފުޅެކެވެ. (އަލްޖަޒީރާ)