02 Jul 2024, 19:22
ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދަށުން ހިނގަމުންދާ އިދާރާތަކުގެ ނަމަށް ބަދަލު ގެންނަވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ އިދާރާތަކުގެ ނަންތަކަށް ބަދަލު ގެނައީ މިދިޔަ ޖޫންމަހުގެ 25ގައި ކަމަށެވެ.
ބަދަލު ގެންނެވި އިދާރާތަކުގެ ދިވެހި ނަންތަކަކީ:
• "އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ޕާމަނަންޓް މިޝަން"ގެ ނަން "ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން"ގެ ނަމަށް
• "ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅައިފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީސް"ގެ ނަން "ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން"ގެ ނަމަށް
• "ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅައިފައިވާ ދާއިމީ މިޝަން"ގެ ނަން "ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަދި ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅައިފައި ހުންނަ މިޝަން"ގެ ނަމަށް
އަދި، އެ ތާރީޚުން ފެށިގެން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދަށުން ހިނގަމުންދާ އިދާރާތަކަށް އިނގިރޭސިބަހުން ބޭނުންކުރާނެ ރަސްމީ ނަންތައް ވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ އިޢުލާން ކުރައްވާފައެވެ.
މި ކަންކަން އިޢުލާނު ކުރައްވައިފައިވަނީ ރައީސް އޮފީހުން މިއަދު ނެރުއްވި ދެ ދެންނެވުމަކުންނެވެ.
އާ ސަރުކާރުން ވެރިކަމާ ހަވާލުވެ މި ހިނގި ހަ މަސްދުވަހުގެ ތެރޭގައި ސަރުކާރު ހިންގާ އޮނިގަނޑަށް ބައެއް ބަދަލުތައް އަންނަނީ ގެންނަމުންނެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވެ ބައެއް ވުޒާރާތަކުގެ މެންޑޭޓަށް ބަދަލު ގެނެސް، އާ ވުޒާރާތައް ވެސް ވަނީ އުފައްދައިފައެވެ.