02 Jul 2024, 16:24
ވިމްބަލްޑަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ދެވަނަ ބުރުން މުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ކޯކޯ ގައުފް ޖާގަހޯދައިފިއެވެ.
ދެވަނަ ބުރުން ގައުފް ޖާގަހޯދާފައިވަނީ ފުރަތަމަ ބުރުގައި އެމެރިކާގެ ކެރޮލީން ޑޮލެހައިޑާ ބައްދަލުކުރި މެޗު ފަސޭހަކަމާ އެކު ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
ފުރަތަމަ ސެޓު ގައުފް 6-1 އިން ކަމިޔާބު ކުރިއިރު ދެވަނަ ސެޓު ކާމިޔާބުކޮށްފައިވަނީ 6-2 އިންނެވެ.
މުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދި އެހެން ކުޅުންތެރިންގެ ތެރޭގައި ފްރެންޗު އޯޕަންގެ ފައިނަލްގައި އެއްކޮޅުން ވާދަކުރި ހަތްވަނައަށް ސީޑުކުރެވިފައިވާ އިޓަލީވިލާތުގެ ޖޭސްމީން ޕައޮލީނީ، ނުވަވަނައަށް ސީޑު ކުރެވިފައިވާ ގްރީސްގެ މާރިއާ ސަކާރީ އަދި ވަރަށް ފަހުން ނިމުނު އީސްޓްބޯން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ރަޝިއާގެ ޑާރިއާ ކަސަޓުކީނާ ހިމެނެއެވެ.
ޕައޮލީނީ އޭނާގެ މެޗު ކާމިޔާބުކޮށްފައިވަނީ ސްޕެއިންގެ ސީޑު ނުކުރެވޭ ކުޅުންތެރިއެއް ކަމަށްވާ ސާރާ ސޮރީބޭސް ޓޯމޯއާ ބައްދަލުކޮށް ސީދާ ދެ ސެޓުންނެވެ. އެއީ، 7-5 އަދި 6-3 އިންނެވެ.
ނުވަވަނައަށް ސީޑު ކުރެވިފައިވާ ސަކާރީ ދެވަނަ ބުރުން ޖާގަހޯދީ ފުރަތަމަ ބުރުގައި އެމެރިކާގެ މެކާޓްނީ ކެސްލާއާ ބައްދަލުކުރި މެޗު 6-3 އަދި 6-1އިން ކާމިޔާބުކޮށްގެންނެވެ.
ޑާރިއާ ކަސަޓުކީނާ އޭނާގެ މެޗު ކާމިޔާބުކޮށްފައިވަނީ ޗައިނާގެ ޒޭން ޝުއިއާ ބައްދަލުކުރި މެޗު 6-3 އަދި 6-0 އިން ކާމިޔާބު ކޮށްގެންނެވެ.
މުބާރާތުގެ ފުރަތަމަ ބުރުގައި ކޮންމެ ވެސް ވަރަކަށް ހައިރާން ކުރުވަނިވި ނަތީޖާ ވެސް ވަނީ ނުކުމެގެން ގޮސްފައެވެ. މި ގޮތުން އަށްވަނައަށް ސީޑު ކުރެވިފައި ޗައިނާގެ ޒެން ގިންވެންއާއި ކޮލިފައިން ކުޅެގެން މުބާރާތުން ޖާގަ ހޯދި ނިއުޒީލަންޑްގެ ލޫލޫ ސުންއާ ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބުކުރީ ސުނެވެ. އެއީ، 4-6 އިން ގިންވެން ފުރަތަމަ ސެޓު ކާމިޔާބުކޮށްފައިވަނިކޮށް ފަހަތުން އަރާ ފަހު ދެ ސެޓު 6-2 އަދި 6-4 އިން ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގެ 24 ވަނައަށް ސީދު ކުރެވިފައިވާ ރަޝިއާގެ މީރާ އަންޑްރީވާ ވެސް ވަނީ ފުރަތަމަ ބުރުގައި ދުނިޔޭގައި 88 ވަނައަށް ރޭންކް ކުރެވިފައިވާ ބްރެންޑާ ފުރުހްވާޓޯވާއާ ބައްދަލުކުރި މެޗުން ދެ ސެޓު އެއް ސެޓުން ބަލިވެފައެވެ.