ޕިޔޮންގްޔަންގް (ޖޫން 19) : ކޮރެޔަން ޕެނިންސިއުލާގައާއި އެ ސަރަޙައްދުގެ ކަނޑުގައި އެމެރިކާގެ ޢަސްކަރީ ބާރު ގަދަކުރަމުން ގެންދާތީ އުތުރުކޮރެޔާގެ ދިފާޢީ އައްޑަނަ ވަރުގަދަކުރަމުން ގެންދާކަން އެޤައުމުން ހާމަކޮށްފިއެވެ.

އުތުރު ކޮރެޔާގެ ޚާރިޖިއްޔާއިން ބުނި ގޮތުގައި އެމެރިކާ ގެންދަނީ ދެކުނު ކޮރެޔާގެ ބިމުގައި ފައިހަރުކޮށްގެން އުތުރުކޮރެޔާއަށް ޢަސްކަރީ ބިރުދައްކައި ޢަސްކަރީ ގޮތުން ގޯނާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ ޖެއްސުންކުރުންތަކާ ގޯނާކުރުންތަކާ ކުރިމަތިލުމަށްޓަކައި އުތުރުކޮރެޔާ ޤާއިމްކޮށްފައިވާ ދިފާޢީ އައްޑަނަ، ނިއުކްލިޔަރ އައްޑަނަ (ޑިޓަރެންޓް) އަކަށް މިހާރު ބަދަލުކުރަމުންދާ ކަމަށްވެސް އުތުރުކޮރެޔާގެ ޚާރިޖިއްޔާއިން އިއްޔެ ނެރުނު ބަޔާނެއްގައި ވެއެވެ.

އުތުރު ކޮރެޔާގެ ޚާރިޖިއްޔާގެ ތަރްޖަމާނަކު އިއްޔެވަނީ ދެކުނު ކޮރެޔާގައި ދިގުމުއްދަތަކަށް އެމެރިކާ ފައިހަރުކޮށް ދާއިމީ ޢަސްކަރީ ބޭސްތަކެއް ޤާއިމްކޮށްފައިވާ ކަމަށް ވިދާޅުވެ އަމިއްލަ ނަފްސުގެ ދިފާއުގައި ނިއުކްލިޔަ އައްޑަނައެއް ބިނާކުރުމުގެ ޙައްޤު އުތުރުކޮރެޔާއަށް ލިބިގެންވާ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާއާއި ދެކުނު ކޮރެޔާގެ ދިފާޢީ ވަޒީރުންވަނީ ވޮޝިންގޓަން ގައި ބައްދަލުކުރައްވައި އުތުރުކޮރެޔާއާބެހޭގޮތުން މަޝްވަރާތަކެއް ކުރައްވާފައެވެ. މިއީ އުތުރުކޮރެޔާ އަށް ގޯނާކުރުމުގެ ރޭވުންތަކެއް ރޭވުމުގެ ބައްދަލުވުމެއް ކަމަށް އުތުރުކޮރެޔާގެ ޚާރިޖިއްޔާގެ ތަރްޖަމާން ސިފަކުރެއްވިއެވެ. -- ނޫސް އެޖެންސީތައް