02 Jul 2024, 15:04
އަހަރުގެ ތިންވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ވިމްބަލްޑަންގެ ފިރިހެން ސިންގަލްސް އިވެންޓްގެ ދެވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ކާލޯސް އަލްކަރާޒް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގައި ތިންވަނައަށް ސީޑް ކުރެވިފައިވާ އަލްކަރާޒް ދެވަނަ ބުރުން ޖާގަހޯދީ ފުރަތަމަ ބުރުގައި ކޮލިފައިން ކުޅެގެން މުބާރާތުން ޖާގަ ހޯދި އެސްޓޯނިއާގެ މާކް ލަޔާލް އާއި ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ.
މި މެޗު އޭނާ ތިން ސެޓުން ކާމިޔާބު ކުރި ނަމަވެސް ލަޔާލްވަނީ ފުރަތަމަ ދެސެޓުގައި އަލްކަރާޒްއަށް ވަރަށް ޕްރެޝާ ކޮށްފައެވެ. މިގޮތުން ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ތިނަކުން އަލްކަރާޒްއަށް ކާމިޔާބު ކުރެވުނު އިރު ދެވަނަ ސެޓު އޭނާއަށް ކާމިޔާބު ކުރެވުނީ ހަތެއް ފަހަކުންނެވެ.
އަދި ފަހު ސެޓު އަލްކަރާޒް ކާމިޔާބު ކޮށްފައިވަނީ ހައެއް ދެއަކުންނެވެ. މެޗަށްފަހު އަލްކަރާޒްވަނީ ލަޔާލް މި މެޗުގައި ދެއްކި ކުޅުމަށް ތައުރީފްކޮށް އޭނާގެ ކިބައިގާ ކުރިއަށް ދިއުމަށް ބޭނުންވާ ހުރިހާ ކަމެއް އެބަހުރިކަން ހާމަކޮށްފައެވެ.
މި މުބާރާތުގެ ދެވަނަ ބުރުގައި އަލްކަރާޒް ބައްދަލުކުރާނީ އޮސްޓްރޭލިއާގެ އެލެކްޒެންޑާ ވުކިޗާއެވެ. އޭނާ ދެވަނަ ބުރުން ޖާގަ ހޯދީ ފުރަތަމަ ބުރުގައި އޮސްޓްރިއާގެ ސެބަސްޓިއަން އޮފްނާ އާއި ބައްދަލުކުރި މެޗު ތިން ސެޓް ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ.
މިމުބާރާތުގެ ދެވަނަ ބުރުންވަނީ އެއްވަނައަށް ސީޑު ކުރެވިގައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާވެސް ޖާގަ ހޯދައިފައެވެ. ފުރަތަމަ ބުރުގައި ޖަރުމަނުވިލާތުގެ ޔަނިކް ހަންފުމަން އާއި ބައްދަލުކުރި މެޗު ސިނާ ކާމިޔާބު ކޮށްފައިވަނީ ތިން ސެޓު އެއް ސެޓުންނެވެ.
އެއީ ހައެއް ތިނެއް، ހައެއް ހަތަރެއް، ތިނެއް ހައެއް އަދި ހައެއް ތިނަކުން މެޗު ކާމިޔާބު ކޮށްގެންނެވެ. ދެވަނަ ބުރުގައި ސިނާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އަމިއްލަ ޤައުމަށް ނިސްބަތްވާ މަޓީއޯ ބެރެޓީނީ އާއެވެ.
މީގެ އިތުރުން 29 ވަނަ އަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ފްރަންސެސް ޓިއަފޯ އާއި އިޓަލީވިލާތުގެ މަޓިއޯ އަނާލްޑީ ބައްދަލުކުރި މެޗު ފަހަތުން އަރާ ތިން ސެޓު ސެޓުން ކާމިޔާބުކުރީ ޓިއަފޯއެވެ.
މި މެޗުގެ ފުރަތަމަ ދެސެޓު ހައެއް ހަތެއް އަދި ދޭއް ހަޔަކުން އަނާލްޑީ ކާމިޔާބު ކޮށްފައިވަނިކޮށް ޖެހިގެން އައި ތިން ސެޓު ހައެއް އެކެއް، ހައެއް ތިނެއް އަދި ހައެއް ތިނަކުން ކާމިޔާބު ކޮށްފައިވަނީ ޓިއަފޯއެވެ.
ފަސްވަނައަށް ސީދު ކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވް އާއި އެލެކްޒެންޑާ ކޮވެސެވިޗް ބައްދަލުކުރި މެޗު ހައެއް ތިނެއް، ހައެއް ހަތަރެއް އަދި ހައެއް ދެއަކުން ކާމިޔާބު ކުރީ މެޑްވެޑޭވެވެ.