ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް"ގައި ރާއްޖެއިން ސޮއިކުރީ އޭގައި ހުރި އިސްލާމްދީނާ ޚިލާފު މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށްކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

އިއްޔެ ސޮއިކުރި ސަމޯއާ އެގްރީމަންޓާއެކު ބައެއް ސިޔާސީ ބޭފުޅުން އަންނަނީ އެ އެގްރިމަންޓުގައި ރާއްޖޭގެ ގާނޫނުތަކާއި އިސްލާމްދީނާ ފުށުއަރައި ކަންކަން ހުރިކަން ފާހަގަކޮށް އެއަށް އަމަލުކުރަން ދެން މަޖުބޫރުވާނެކަަމަށް ބުނެ ބައެއް ވާހަކަތައް ފަތުރައިފައެވެ.

ނަމަވެސް އެ ކަމުގެ ހަގީގަތް ހާމަކޮށްދީ، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައިި ވިދާޅުވީ ސަމޯއާ އެގްރީމެންޓްގައި ރާއްޖެއިން ސޮއިކޮށްފައިވަނީ އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނު އަސާސީއާ ފުށުއަރާ މާއްދާތަކަށް ޑެކްލަރޭޝަނާއި ރެޒަވޭޝަން ހުށައަޅާފައި ކަމަށެވެ.

އެގޮތުން ޖުމްލަ 12 މާއްދާއަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައިވާކަމަށް ވިދާޅުވިއެވެ.

އަދި މީގެ ކުރިން ވެސް ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައި ސޮއިކޮށްފައިވަނީ މިފަދަ މާއްދާތަކަށް ރެޒަވޭޝަން ހުށައެޅުމަށްފަހުކަމަށް ހީނާ ވިދާޅުވިއެވެ.

"އިސްލާމްދީނާ، އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ފުށުއަރާ އެއްވެސް ކަމަކަށް މި ސަރުކާރުން ފުރުސަތު ނުދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން," ހީނާގެ ޕޯސްޓުގައިވެއެވެ.

ސަމޯއާ އެގްރީމަންޓުން ރާއްޖެއިން އަމަލުނުކުރަން ރެޒަވޭޝަނާއި ޑެކްލެރޭޝަން ހުށަހަޅައިފައިވާ މާއްދާތައް:

  • "ސަމޯއާ އެގްރީމަންޓް" އެގްރީމަންޓްގެ 9 ވަނަ މާއްދާގައި "ފްރީޑަމް އޮފް ތޯޓް، ރިލިޖަން އެންޑް ބިލީފް" ހިމެނޭ ގޮތަށް ހުރިހާ އަސާސީ ހައްގުތައް ހިމާޔަތްކުރުމަށާއި، އެ ހައްޤުތައް ފުރިހަމައަށް އަދި ހަމަހަމަ ގޮތެއްގައި ލިބިގެންދާނެކަން ކަށަވަރުކުރުމަށް، ހައްޤުތައް ލިއްބައިދިނުމުގައި ރިލިޖަން އަދި ބިލީފް ގެ މައްޗަށް ބިނާކޮށް ތަފާތުނުކުރުމަށް ސޮއިކުރާ ޤައުމުތަކުން އެއްބަސްވާން ޖެހޭނެކަން ބުނާ މާއްދާ.

  • 1، 3، 4 އަދި 79 ވަނަ މާއްދާ – ދިވެހި ސަރުކާރުން މާނަކުރާ ގޮތުގައި "ސަމޯއާ އެގްރީމަންޓް" ގައި ގައުމީ މަސްލަހަތާއި ދުސްތޫރީ ޝަރުތުތަކަށް ބެލުމެއް ނެތި މައްސަލަތަކުގައި "ކޮމަން ޕޮޒިޝަން" އެއް އޮތުމަކީ އެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކަށް ލާޒިމްކުރާ ކަމެއް ނޫން.
  •  19ވަނަ މާއްދާ –"ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް" އަކީ ބައިނަލްއަޤްވާމީ އެއްބަސްވެފައިވާ މާނައެއް ނެތް ކަމެއް.
  • 71 ވަނަ މާއްދާ – އދ.ގެ ކޮންވެންޝަން އެގެއިންސްޓް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްގެ ޕްރޮޓޮކޯލް އެގެއިންސްޓް ސްމަގްލިންގް އޮފް މައިގްރަންޓްސް ބައި ލޭންޑް، ސީ އެންޑް އެއާގައި ރާއްޖެއިން ސޮއިކޮށްފައިނުވި ނަމަވެސް، ބިދޭސީން "ސްމަގަލް" ކުރުން ހުއްޓުވުމަށް ޓަކައި ގާނޫނީ އަދި މުއައްސަސާތަކުގެ އޮނިގަނޑުތައް ހަރުދަނާ ކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރާނެ.
  • 76 ވަނަ މާއްދާ – ރެފިއުޖީންގެ ހާލަތާއި ގުޅޭ މުއާހަދާއާއި ރެފިއުޖީންގެ ހާލަތާ ގުޅޭ ޕްރޮޓޮކޯލްގައި ދިވެހި ސަރުކާރުން ބައިވެރިނުވާ ކަމުގައި ވީނަމަވެސް، މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ހަރުދަނާގޮތެއްގައި ތަންފީޒުކުރުމަށް ޓަކައި ދިވެހި ސަރުކާރަށް ވަރަށް މާލީ އަދި ފަންނީ އެހީ ބޭނުންވާނެ.
  • 97 ވަނަ މާއްދާ – ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އާންމު އުޞޫލުތަކާއި، ވަކިން ޚާއްޞަކޮށް 1969 ވަނަ އަހަރާއި 1986 ވަނަ އަހަރުގެ ވިއެނާ ކޮންވެންޝަންސް އޮން ދަ ލޯ އޮފް ޓްރީޓީސްއާއި އެއްގޮތްވާ ގޮތުގެ މަތިން، މި މާއްދާގައި ވާ ކަންކަން ސޮއި ކުރުމުގެ ކުރިން ގައުމުތަކަށް "ރެޓްރޯސްޕެކްޓިވްލީ" އަމަލު ނުކުރެވޭނެކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރޭ.
  • 101 ވަނަ މާއްދާ – ދިވެހި ސަރުކާރުން މާނަކުރާ ގޮތުގައި މި މާއްދާގައި ބަޔާންކޮށްފައިވާ "އެޕްރޯޕްރިއޭޓް މެޝާސް" ނުވަތަ "އެކަށީގެންވާ ފިޔަވަޅުތައް" ބިނާވާންޖެހޭނީ "ނެޗަރަލް ޖެސްޓިސް" އަދި އިންސާފުވެރިކަމުގެ އުޞޫލުތަކުގެ މައްޗަށް. އަދި މި ފިޔަވަޅުތައް ތަންފީޒުކުރުމުގެ ކުރިން އަނެއް ފަރާތަށްވެސް ކުރީބައިގަ އެކަން އަންގަން ޖެހޭ ކަމަށް ދިވެހިރާއްޖެއިން ގަބޫލުކުރޭ.
  • އެނެކްސް 2 ގެ 1 ވަނަ މާއްދާ – ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް ގެ އޮފީހެއް ރާއްޖޭގައި ގާއިމުކޮށް ހިންގަން ގަސްދުކުރާނަމަ، އެކަން ވާނީ ދިވެހި ސަރުކާރުން ދޭ އިމްތިޔާޒުތަކާއި އިމްތިޔާޒުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކުން ޖާގަ ދޭ މިންވަރަކުން. އަދި އެ ފެންވަރުގެ އެހެން މުއައްސަސާތަކާ އެއްގޮތަށް އަމަލުކުރާނެ ކަމަށުގެ ޔަގީންކަން އެރުވިން.
  • އެނެކްސް 2 ގެ 4 ވަނަ މާއްދާ – ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އިޚްތިޞާޞުގެ ބޭރުން ކޯޓުތަކުން ނެރެފައިވާ ޙުކުމްތައް ދިވެހި ސަރުކާރަށް ތަންފީޒު ކުރާނެ.

"ސަމޯއާ އެގްރީމަންޓް"ގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ ނިމިދިޔަ ޖޫން މަހުގެ 30ވަނަ ދުވަހެވެ. މަޖިލީހުގައި ނެގި ވޯޓުގައި 82 މެންބަރުން ވަނީ މި އެއްބަސްވުމުގައި ބައިވެރިވުމަށް ރުހުން ދިނުމަށް ވޯޓު ދީފައެވެ. ރުހުން ނުދިނުމަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއްނުވެއެވެ.

ކޮމިޓީން އެ މައްސަލަ ބަލައި ދިރާސާކުރި ގޮތުގެ ރިޕޯޓު ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވަނީ މަޖިލިސް ތަޅުމަށް ހުށަހަޅައިދެއްވާފައެވެ.

ޒަރީރު ވިދާޅުވީ، އެ ރިޕޯޓު ދިރާސާކުރުމަށް ޓަކައި، ސަމޯއާ އެއްބަސްވުމުން ރާއްޖެއަށް ލިބޭނެ ފައިދާތަކަށް ބަލާފައިވާނެ ކަމަށެވެ.