02 Jul 2024, 13:09
ސީޕްރިއާގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރާ ނުދޭތާ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާތީ، އެ ކުންފުނީގެ މުވައްޒަފުން މިއަދު އިހުތިޖާޖަށް ނިކުމެއްޖެއެވެ.
އެ ކުންފުނީގެ މަސައްކަތްކުރާ ދިވެހި މުވައްޒަފުންނާއި ބިދޭސީ މުވައްޒަފުން ހިމެނޭހެން ވަނީ މުސާރާ ނުދޭތީ ސީޕްރިއާ ހެޑްއޮފީހުގެ ކުރިމަތީގައި އަޑު އުފުލައިފައެވެ.
ސީޕްރިއާ މުވައްޒަފުން ބުނީ 53 މުވައްޒަފުންނަށް މުސާރަ ނުދޭތާ ގާތްގަނޑަކަށް އަށް މަސްވެއްޖެކަމާއި، މުސާރަ ނުދީ މިހާރު ހުރިހާ މުވައްޒަފުން ވަޒީފާއިން ކަނޑާލާފައިވާ ކަމެށެވެ.

މުސާރަ ނުދޭތާ ހަ މަސް، މުވައްޒަފުން އިހުތިހާޖަށް ނިކުމެއްޖެ-- ފޮޓޯ: މޫސާ ނަދީމް
ސީޕްރިއާ މުވައްޒަފަކު މިއަދު "ސަން" އަށް ބުނީ މުސާރަ ނުލިބޭތީ ގޭގެ ކުލި ނުދެއްކޭތާ މިހާރު ގާތްގަނޑަކަށް އަށް މަސް ވެއްޖެކަމަށާއި ގިނަ ދިވެހިންގެ ގޭގެއިން ކަރަންޓު ވެސް ކަނޑާލާފައިވާކަމަށެވެ.
"ކޮބައިތޯ އަޅުގަނޑުމެންގެ ހައްޤު، އަށް މަސް ވަންދެން އަޅުގަނޑުމެން ދާއޮހިރުވައިގެން މަސައްކަތް މިކުރީ ކޮންމެ ވެސް ކަމަކު. ހިލޭ ސާބަހަކަށް ނޫން. އަޅުގަނޑުމެންގެ ހައްގުގައި އަޅުގަނޑުމެން ނިކުންނާނަން، އަޅުގަނޑުމެން ދާންޖެހުނު ކޮންމެތާކަށް ވެސް ދާނަން،" އޭނާ ވިދާޅުވިއެވެ.
އެހެން މުވައްޒަފަކު "ސަން" އަށް މައުލޫމާތުދެމުން ބުނީ ކުންފުނީގެ ފަރާތުން އެއްވެސް ވަރަކަށް އެއްބާރުލުން ނުލިބޭ ކަމަށާއި އިހުތިޖާޖަށް ނިކުތީ ޒަރުރީ ބޭނުންތައް ނުފުދޭ ހިސާބަށް ދިއުމުން ކަމަށެވެ.
އޭނާ ބުނީ ތިން މަސް ދުވަހުގެ މުސާރަ ނުދެވި އޮއްވައި ރޯދަމަހު، އެއިން އެއްމަހުގެ މުސާރަ ދޭނެކަމަށް ކުންފުނިން ބުނި ކަމަށެވެ. ނަމަވެސް ރޯދަމަހުގެ އެލަވެންސް ދިނީ ވެސް މަސް ނިމެން އޮއްވާ ކަމަށް އޭނާ ބުންޏެވެ.

މުސާރަ ނުދޭތާ ހަ މަސް، މުވައްޒަފުން އިހުތިހާޖަށް ނިކުމެއްޖެ-- ފޮޓޯ: މޫސާ ނަދީމް
މީގެއިތުރުން އޭނާ މައުލޫމާތު ދިން ގޮތުގައި ރޯދަ އިނާޔަތް ލިބެން ޖެހޭ 10 މުވައްޒަފުންނަށް އިނާޔަތް ނުލިބެއެވެ.
"ކުންފުނީގެ ފަރާތުން ބޭރު މުވައްޒަފުންގެ އެކޮމޮޑޭޝަން އަށް ވެސް ކުލި ނުދައްކާ މިއަދާ ހަމައަށް އެތަން ނެގީއިރު ވެސް، ގެތަކުން އޮތީ މުވައްޒަފުން ނެރެން ވެސް އަންގާފައި. މުވައްޒަފުން ނެރުނީމަ އަޅުގަނޑުމެން މަގުމަތިވާނެ. ވަންނާނެ ތަނެއް ނެތް، އަށް މަސް ވާންދެކަށް މި ތިބީ ކުންފުނި ހެދި ގޮތެއް ހެދިގެން،" އޭނާ އިތުރަށް ވިދާޅުވިއެވެ.
އިހުތިޖާޖުގައި ބައިވެރިވި ބިދޭސީ މުވައްޒަފަކު ބުނީ މުސާރަ ނުލިބޭތީ ގޭގައި ވަަރަށް މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. އޭނާ ބުނީ ހަނޑުލާއި ފުށް ގަނެވޭ ވަރަށް ވެސް ލާރި މިހާރު އޭނާ އަތުގައި ނެތްކަމަށާއި އާއިލާއަށް ޚަރަދުކުރާނެ ގޮތެއް ނެތްކަމަށެވެ.
އެ މީހުން ބުނީ މުވައްޒަފުން ކަނޑާލީ އެއްވެސް އުސޫލެއްގެ ދަށުން ނޫންކަމަށާއި މިކަމަށް އެކުންފިން ޒިންމާވާންޖެހޭނެ ކަމަށެވެ. އެގޮތުން މުވައްޒަފުން ވަނީ ކުންފުނީގެ އިސްވެރިން ހައްޔަރުކުރުމަށް ވެސް އެ ސީޕްރިއާގެ މުވައްޒަފުން ވަނީ ގޮވާލާފައެވެ.
މުވައްޒަފުން ބުނީ ކުންފުނީގެ މެނޭޖްމެންޓާ ތަކުރާރުކޮށް ވާހަކަދެއްކުމުން ވެސް ބުނީ މުސާރާ ދެވޭނޭ ދުވަހެއް ނޭނގޭ ކަމަށެވެ.
މިކަމާ ގުޅިގެން ސީޕްރިއާގެ ބަހެއް ހޯދައިލަން މި ނޫހުން ގުޅުމުން، އެ ކުންފުނިން ޖަވާބު ދީފައެއް ނުވެއެވެ.
ސީޕްރީއާއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ.