02 Jul 2024, 12:55
އެމެރިކާގައި މިހާރު ކުރިއަށްދާ ކޮމެބޯލް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ޕެނެމާއިން ކަށަވަރުކޮށްފިއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލުން ޕެނެމާ ޖާގަ ހޯދީ ގްރޫޕް ސީގެ ފަހު މެޗުގައި ބޮލީވިއާ އާއި ބައްދަލުކުރި މެޗު ތިން ލަނޑު އެއް ލަނޑުން ކާމިޔާބުކޮށް ގްރޫޕްގެ ދެވަނަ މަގާމު ކަށަވަރު ކޮށްގެންނެވެ.
އޯލާންޑޯ ސިޓީގެ އިންޓާ އެންޑް ކޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ގިނައިރު ބޮލީވިއާއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޕެެނެމާއިންނެވެ.
މި މެޗުގެ ފުރަތަމ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފާވަނީ ޕެނެމާއިންނެވެ. މި ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ހޯޯސޭ ފަހާޑޯއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހައިގެން ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔަކަން ފާހަގަ ވެގެންދިޔައެވެ. މި މެޗުގައި ބޮލީވިއާއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ޖަހާ އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ބްރޫނޯ މިރާންޑާއެވެ.
ނަމަވެސް ބޮލީވިއާއަށް މިގޮތުގައި ހިފަހައްޓާލެވުނީ 10 މިނެޓު ވަންދެނެވެ. ޕެނެމާއިން ވަނީ މެޗުގެ 79 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މިމެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގައިފައެވެ.
މި ލަނޑު އެޓީމަށް ޖަހައިދިނީ އެޑުއާޑޯ ގުއެރޭރޯއެވެ. އަދި އެ ޓީމުން މި މެޗުގައި ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ޖަހައިދިނީ ސެޒާ ޔާނިސްއެވެ.
މިކާމިޔާބީއާއެކު ޕެނެމާއިން މިވަނީ ގްރޫޕް ސީގައި އެޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދާފައެވެ. އަދި މިއާއެކު އެޓީމުން މިވަނީ ކޮޕާ އެމެރިކަ މުބާރާތެއްގެ ކުއާޓާ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަހޯދައިފައެވެ.
ގްރޫޕް ސްޓޭޖުގައި ޕެނެމާ ބަލިވެފައިވަނީ ފުރަތަމަ މެޗުގައި ގްރޫޕްގެ އެއްވަނަ ހޯދި އުރުގުއާއީއާ ބައްދަލުކުރި މެޗުންނެވެ. މި މެޗުން ބަލިވުމުން ބޮލީވިއާ މިވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެ ގްރޫޕްގެ އެންމެ ފުލަން ދިއުމާއެކު މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.