02 Jul 2024, 09:56
މަޖީދިއްޔާ ސުކޫލު ކައިރީގައި ހުންނަ ސްޓެލްކޯ ސަބް-ސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް، ވަގަށް ނެގުމުން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
މަޖީދިއްޔާ ސްކޫލު ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބް-ސްޓޭޝަނެއްގެ ކޭބަލްތައް ބުރިކޮށްގެން ވަގަށް ގެންދިޔަކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 6:21 އެހާކަންހާއިރެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ސްޓެލްކޯއިން މިއަދު ބުނީ، ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމާ ގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތް މަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
ސްޓެލްކޯއިން އަންނަނީ އާ ކޭބަލް އަޅައި، އެ ސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެ ކުރިން ވެސް މާލޭ ފުޑް ކޯޓު ކައިރި ޖަހާފައި ހުރި ބައްތިތަކުގެ ކޭބަލްތަކެއް ވެސް ވަނީ ވަގަށް ނަގައިފައެވެ. އެއީ، އިއްޒުއްދީން މަގު ފުޑް ކޯޓު ކައިރީ ރިންގް ރޯޑުގައި ޖަހާފައި ހުރި މަގު ބައްތިތަކުގެ ކޭބަލްތަކެވެ.
މި ފަހުން މާލޭގެ މިސްކިތްތަކުން ވައްކަންކުރާ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.
މާލޭގައި ތަކުރާރުކޮށް ވައްކަންކުރާ 46 ވަގުން އުޅޭ ކަމަށާއި އެ މީހުން 4،000 ފަހަރު މަތިން ހިފެހެއްޓި ނަމަވެސް ބަންދުނުކުރެވޭ ކަމަށް ހޯމް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައެވެ. އަދި، އެ މީހުން ބަންދުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.