02 Jul 2024, 08:47
ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ފްރާންސުގެ ކޯލޯ މުއާނީގެ މަސައްކަތުން ކާމިޔާބުވި ހަމައެކަނި ލަނޑާ އެކު ފްރާންސުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުޅި މެޗު ކޮންޓްރޯލުކޮށްގެން މޮޅަށް ކުޅެފައިވަނީ ފްރާންސުންނެވެ. މާކަސް ތުރާމްގެ ބަދަލުގައި 62 ވަނަ މިނިޓްގައި ކުޅެން އެރި ކޯލޯ މުއާނީ ޖެހި ޝޮޓު ގޯލަށް ވަނީ ބެލްޖިއަމްގެ ޑިފެންޑަރު ވެޓޮންގަން ފައިގައި ޖެހިފައެވެ. އޭނާ ލަނޑު ޖެހީ 85 ވަނަ މިނިޓްގައެވެ.
ފްރާންސުން ގިނަ ހަމަލާތަކެއް އުފެއްދި މި މެޗުގައި ބެލްޖިއަމަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އުފެއްދި ހަމަލާތަކުން ބެލްޖިއަމް ވަނީ ގިނަ ހަމަލާތަކަކުން ނުރައްކާކޮށްފައެވެ.
ފުރަތަމަ ހާފު ވާދަވެރިކޮށް ދިޔައިރު، ދެވަނަ ހާފު ވެސް ފެނުނީ ދާދި އެއްގޮތަކަށެވެ. މި ހާފްގައި ބެލްޖިއަމްއިން ތަނަވަސްކުރި އެންމެ ރަނގަޅު ފުރުސަތަށް ހުރަސްއެޅީ ޑިފެންޑަރު ތިއޯ ހެނާންޑޭޒެވެ. މެޗުގެ 60 ވަނަ މިނިޓްގައި ޑި ބުރައިނާ ދިން ބޯޅައާއެކު ޔަނިކް ކަރަސްކޯ އޭރިޔާތެރެއަށް ވަދެ ފޮނުވާލުމުގެ ކުރިން ތިއޯ ހެނާންޑޭޒް ވަނީ ބޯޅަ ބޭރުކޮށްލާފައެވެ.
މެޗުގައި ލުކަކޫ ގޯލަށް ފޮނުވާލި ހަމައެކަނި ބޯޅަ 70 ވަނަ މިނިޓްގައި ކީޕަރު އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލިއެވެ. ފްރާންސަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ 73 ވަނަ މިނިޓްގައި ސަލީބާއަށް ލިބުނު ފުރުސަތެވެ. އޭރިޔާ ތެރެއިން ޑޮކޫ ކައިރިން ނައްޓާފައި އޭނާ ވާތުފައިން ފޮނުވާލި ބާރު ބޯޅަ ވެސް ގޯލާ އަމާޒެއް ނުވިއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގައި ފްރާންސް ވާދަކުރަން ޖެހޭނީ ޕޯޗްގަލްއާއެވެ.