ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްއާއި ރަފަހްގެ ބައެއް ހިސާބުތަކުގެ މީހުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އިސްރާއީލުން އަނެއްކާވެސް އަމުރުކޮށްފިއެވެ.

މެއި މަހުގެ ކުރީކޮޅުން ފެށިގެން ރަފަހްއަށް އިސްރާއީލުން އެއްގަމުން މަގުން ދޭންފެށި ހަމަލާތަކާ ގުޅިގެން ލައްކައެއްހާ މީހުން މިހާރުވެސް ވަނީ ރަފަހް ދޫކޮށް ގޮސްފައެވެ.

އެ ސަރަހައްދުތަކުން މީހުން ހުސްކުރުމަށް އިސްރާއީލުން އަންގައިފައި ވަނީ އިސްރާއީލަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް އެ ގައުމުން ބުނިތާ ގާތްގަޑަކަށް ގަޑިއެއްހާއިރު ފަހުންނެވެ.

އެ ހަމަލާގެ ދައުވާ އިސްރާއީލުން އުފުލައިފައި ވަނީ ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދުގެ ހަތިޔާރު އެޅި ގޮފީގެ މައްޗަށެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ޣައްޒާގެ އުތުރުގައި ފެށި ނަމަވެސް އިސްރާއީލު ފައުޖުތަކުން މިހާރު ވަނީ ޣައްޒާގެ ދެކުނަށް ވެސް ހަމަލާތައްދީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލުން ހަނގުރާމަ ފެށީ ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ދިން ހަމަލާއަކާ ގުޅިގެންނެވެ. އެ ހަމަލާގައި އިސްރާއީލުގެ ގާތްގަނޑަކަށް 1،200 މީހުން މަރުވެފައިވާ ކަމަށާއި ގިނައީ އާންމުން ކަމަށް އިސްރާއީލުގެ ހިސާބުތަކުން ދައްކައެވެ.

ހަނގުރާމައިގައި މިހާތަނަށް 37،900 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.