ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބަޣާވަތެއް ކުރެއްވި ކަމަށް ކުށުގެ ތުހުމަތަކެއް ފާހަކޮށް އެކަންކަން ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލާއި ފަނޑިޔާރުންނަށް ކުރާ އިލްތިމާސެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މއ. އުތުރު ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލާ މާރިޔާ އަހުމަދު ދީދީ ދައުވާއެއް އާންމު ކުރައްވައިފި އެވެ.

ފެބުރުއަރީ ހަ ވަނަ ދުވަހާއި ހަތް ވަނަ ދުވަހު ކަން ހިނގައިދިޔަ ގޮތުގެ މައްޗަށް ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ ކޮމިޝަނުން އާންމު ކުރި ޓައިމްލައިނަށް ބިނާކޮށް ފޮތެއްގެ ގޮތު 23 ނުކުތާގެ މައްޗަށް އެކުލަވާލަވާލާފައިވާ ދައުވާގައި ސީޣާ ބިނާކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 30 ވަނަ މާއްދާ އާއި 33 ވަނަ ވަނަ މާއްދާއާ ހަވާލާދީ ރައީސް ވަހީދު ބަޣާވާތް ކުރެއްވި ކަމަށް ތުހުމަތުކޮށެވެ.

ގާނޫނީ ދާއިރާއިން އިނގިރޭސި ވިލާތުގައި މަތީ ތައުލީމީ ހާސިލް ކުރައްވާފައިވާ ކުރީގެ ޑިރެކްޓާ އޮފް ޕަބްލިކް ޕްރެސެކިއުޝަން އަދި ރާއްޖޭގެ ފުރަތަމަ އަންހެން ގާނޫނީ ވަކީލާގެ ތުހުމަތުގެ ދައުވާ ޕީޖީ އާއި ފަނޑިޔާރުން އަދި އާންމުކޮށް ހުރިހާ ގާނޫނީ ވަކީލުންގެ ސަމާލު ކަމަށް ގެނައުމުގެ އިލްތިމާސް އާންމު ކުރީ މިރޭ މާލޭ ސިޓީ ހޯލްގައި ބޭއްވި ހަފުލާއެއްގަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސްވެރިން އަދި ވަރަށް ގިނަ އާންމުން ވެސް ބައިވެރިވި ހަފުލާގައި މާރިޔާ ވިދާޅުވީ އޭނާގެ އެ އިލްތިމާސް ދައުވާއަކީ ޖިނާއީ ދައުވާއަކަށް ވުމުން އެކަމުގައި ޕީޖީ އަހުމަދު މުއިއްޒު ފުންކޮށް ވިސްނަވާ ވަޑައިގަތުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

"މިއީ ޖިނާއީ ތުމަތުތަކެއް. ޖިނާ ދައުވާ ކުރެވެނީ ޕީޖީއަށް. އެމަނިކުފާނަކީ ވަކީ މީހަކު ބުނާ އެއްޗެއް އަޑުއައްސަވަން ޖެހޭ ބޭފުޅެއް ނޫން. އަޅުގަނޑު އުންމީދު ކުރަނީ މި އިލްތިމާސަށް އެމަނިކުފާނާއި ފަނޑިޔާރުން ވިސްނާ ވަޑައިގަންނަވާނެ ކަމަށް،" މާރިޔާ ވިދާޅުވި އެވެ. "އަދި އަޅުގަނޑު އުންމީދު ކުރަން އެހެން ވަކީލުން ވެސް މި ތުހުމަތައް އެހެން ނުކުތާތައް ހޯއްދަވާ ދިރާސާ ކުރައްވާނެ ކަމަށް. އަދި އާންމުން ވެސް މިކަމުގައި ޕެޓިޝަން ހައްދަވާނެ ކަމަށް. މިކަމުގައި އަޅުގަނޑު އަދިވެސް އިތުރަށް މަސައްކަތް ކުރާނަން،"

އިންކްއަރީ ކޮމިޝަންގެ ޓައިމްލައިނުގައި ފާހަކޮށްފައިވާ ކަންކަމަށް ބަލައި ރައީސް ވަހީދު ބާޣާވާތް ކުރެއްވި ކަމަށް ފާހާގަކޮށްފައިވާ ނުކުތާކުން ކޯޓްގައި އެމަނިކުފާނުގެ މައްޗަށް ބަޣާވާތުގެ ކުށް ސާބިތުވާނެ ވަރަށް ހެއްކާ ގަރީނާ އެބަހުރި ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ލިޔުއްވާ އާންމު ކުރުމަށްފަހު އެމްޑީޕީއަށް ހަދިޔާ ކުރުމުން 25ރ. އަށް ވިއްކަން ފަށާފައިވާ ދައުވާ ފޮތުގައި ބުނަނީ ގާނޫނުލް އުގޫބާތުގެ 30 ވަނަ މާއްދާގައި ރައީސުލް ޖުމްހޫރިއްޔާ މަގާމުން ވަކި ކުރުމަށް ނުވަތަ ސަރުކާރު ބަދަލު ކުރުމަށް ގާނޫނާ ހިލާފަށް ހަތިޔާރެއް ބޭނުންކޮށް ރާވައިފި މީހެއްގެ އަދަބަކީ އުމުރަށް ޖަލަށް ލުން ނުވަތަ އަރުވާލުން ކަމަށްވާތީ އާއި އޭގެ ތެރޭގައި ވަކި މުއްދަތަކަށް ބުރަ މަސައްކަތް ކުރުވުން ލާޒިމު ކުރުން ގާޒީއަށް ލިބިދީފައިވާތީ އަދި ގާނޫނުލް އުގޫބާތުގެ 33 ވަނަ މާއްދާ ބުނާ ގޮތުން 29. 30 31، 32 ވަނަ މާއްދާގައި ހުރިހާ ޒާތެއްގެ ބަގާވަތް ހިމޭނޭތީ ރައީސް ވަހީދުގެ މައްޗަށް ބަޣާވާތް ކުރުމުގެ ކުށް ސާބިތު ވާނެ ކަމަށެވެ.

މާރިޔާގެ ދައުވާގައި އަދި ވެއެވެ: "ގާނޫނުލް އުގޫބާތުގެ 28 ވަނަ މާއްދާގެ (ނ) ގައި ބުނަނީ 'ރައީސުލް ޖުމްހޫރިއްޔާ' ގެ މާނާއަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ހުއްދަ ކުރާ ގޮތުގެ މަތީން ރާއްޖޭގެ އެންމެ މަތީ ވެރި ކަމަށް އިންތިހާބު ކުރެވިފައިވާ މީހެކެވެ. އަދި މި ގާނޫނަށް އަމަލު ކުރުމުގައި އެމީހެއްގެ އަނބި ދަރީންނާއި މުދާ ހިމެނެ އެވެ. ގާނޫނުލް އުގޫބާތުގެ 28 ވަނަ މާއްދާގައި (ށ) ބުނަނީ 'ސަރުކާރު' ގެ މާނައަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާ އެއްގޮތަށް ދިވެހި ރާއްޖެ ހިންގުމުގެ ބާރުތައް ލިބިދީފައިވާ ފަރާތަށެވެ. ގާނޫނު އަސާސީގެ 106 ވަނަ މާއްދާގެ (ށ) ބުނަނީ ދައުލަތުގެ އެންމެ މަތީ ވެރިޔަކީ އަދި ސަރުކާރުގެ އެންމެ މަތީ ވެރިޔަކީ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާކީ ރައީސުލް ޖުމްހޫރިއްޔާ އެވެ،"

މާރިޔާ ފާހަގަ ކުރައްވާފައިވާ ގާނޫނީ އެ ނުކުތާތަކަށް ބަލައި އިތުރަށް ފާހަގަ ކޮށްފައިވާ ކަންކަމަށް ހަވާލާދީ ބުނެފައި ވަނީ ފެބުރުއަރީ ހަތެއްގައި ބަންޑާރަ ކޮއްޓާ ދިމާލަށް އެއްޗެހި އުކާ ހަދާފައިވާއިރު މިއިން ކަމަކާ މިއަދާ ހަމައަށް އައިރުވެސް ގާނޫނީ ފިޔަވަޅު އަޅައި ކުށްވެރިކޮށްފައި ނުވާ ކަމަށާއި އާންމުންގެ ދެމީހަކު އެއްވެސް ޝަރުތަކާ ނުލައި ރައީސުލް ޖުމްހޫރިއްޔާ އިސްތިއުފާ ދެއްވުން ނޫން ގޮތެއް ނެތް ކަމަށްބުނެ މަޖުބޫރު ކުރުވައިގެން އިސްތިއުފާގެ ހާލަތަށް ގެންގޮސް ވޯޓަކާ ނުލައި ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އިއުލާންކޮށް ސަރުކާރު ބަދަލުކޮށްފައިވާތީ ގާނޫނުލް އުގޫބާތުގެ 30 ވަނަ މާއްދާ އާއި 33 ވަނަ މާއްދާގެ ދަށުން ރައީސް ވަހީދުގެ މައްޗަށް ބަޣާވާތުގެ ދައުވާ ކުރެވޭނެ ގާނޫނީ ހަމަ އެއްބައޮތް ކަމަށާއި އަދި އެދައުވާ ކޯޓްގައި ސާބިތު ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މުޅި ދައުވާގެ މައިގަނޑު ތުހުމަތަކީ ރައީސް ވަހީދު އިއްތިހާދު ވެފައި ޕާޓީއާ ގުޅިވަޑައިގެން ހިތްވަރު ދެއްވާ ރައީސް މުހައްމަދު ނަޝީދު ކިބައިން އެއްވެސް ކަމެއް އޮޅު ފިލުވުމުގެ ބަދަލުގައި އެއްވެސް މައުލޫމާތެއް ވެސް ނުދެއްވައި ވަކި ބަޔަކާ ބައިއަތު ހިއްޕަވައިގެން ބަޣާވާތެއް ކުރެއްވި ކަމަށް ބަޔާން ކުރާ ތުހުމަތުތަކެވެ.