02 Jul 2024, 12:41
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި އިދިކޮޅު ނޭޝަނަލް ރެލީ (އާރްއެން) ޕާޓީން ކުރި ހޯދައިފިއެވެ.
ގިނަ ބަޔަކު ވޯޓުލާން ނިކުތް އެ އިންތިޚާބުގައި އާރްއެންއަށް 33.14 އިންސައްތަ ވޯޓު ލިބުނުއިރު، ކަނާތުފިޔައިގެ ނިއު ޕޮޕިއުލާ ފްރަންޓް (އެންއެފްޕީ) ކޯލިޝަނަށް ލިބުނީ 27.99 އިންސައްތަ ވޯޓެވެ. ފަރަންސޭސިވިލާތުގެ މިހާރުގެ ރައީސް އިމަނުއެލް މެކްރޮންގެ އެންސެމްބަލް އިއްތިހާދަށް ލިބުނީ 20.04 އިންސައްތަ ވޯޓުކަމަށް އިންޓީރިއާ މިނިސްޓްރީން ހޯމަ ދުވަހު ޝާއިއުކޮށްފައިވާ ފައިނަލް ނަތީޖާއިން ދައްކައެވެ.
ގާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި އާރްއެންއިން ހޯދާނެ ކަމަށް ބެލެވޭ ނަމަވެސް އެ ޕާޓީއަށް ލިބޭނީ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ 289 ގޮނޑިއަށް މަދު ގޮނޑި ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
މިހާތަނަށް ލަފާކޮށްފައިވާ ގޮތުގައި އަންނަ އާދީއްތަ ދުވަހު ވޯޓުލުމުގެ ދެވަނަ ބުރަށް ފަހު، 577 ގޮނޑި ހިމެނޭ ދަށު ގެއިން 230 އާއި 280 އާ ދެމެދުގެ ގޮނޑި އާރްއެން އިން ނަގާނެއެވެ.
އެންއެފްޕީއަށް 125 އާއި 165 އާ ދެމެދުގެ އަދަދަކަށް ގޮނޑި ލިބޭނެ ކަމަށް ލަފާކުރާއިރު، އެންސެމްބަލްއަށް 70 އާއި 100 އާ ދެމެދުގެ އަދަދަކަށް ގޮނޑި ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.
ހޯމަ ދުވަހު އާންމުކުރި ނަތީޖާ ދައްކާ ގޮތުން ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހަށް ޖުމްލަ 76 ކެންޑިޑޭޓުން އިންތިޚާބުވިއިރު، އޭގެ ތެރެއިން 39 ކެންޑިޑޭޓުން ތަމްސީލުކުރަނީ އާރްއެން އާއި އެ ޕާޓީގެ ބައިވެރިންނެވެ. 32 ކެންޑިޑޭޓުންނަކީ އެންއެފްޕީގެ ކެންޑިޑޭޓުންނެވެ. އަދި މެކްރޮންގެ އިއްތިހާދުން އިންތިހާބުވެފައި ވަނީ އެންމެ ދެ ކެންޑިޑޭޓުންނެވެ.
އިއްޔެ ރޭ އާންމުކުރި ނަތީޖާއާ ގުޅިގެން ޕެރިހާއި ލިޔޯންގައި ކަނާތު ފިޔައިގެ ޕާޓީތަކާ ދެކޮޅަށް މުޒާހަރާތައް ފެށިއިރު، ވެރިރަށް ޕްލޭސް ޑި ލާ ރިޕަބްލިކްގައި 5،500 އެއްހާ އެއްވެފައި ތިބި ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފައިވެއެވެ.
ނަތީޖާ އިއުލާންކުރުމާއެކު އާރްއެންގެ މެމްބަރު މެރިން ލެ ޕެން ވިދާޅުވީ އާދިއްތަ ދުވަހު ބާއްވާ ދެވަނަ ބުރުގެ ވޯޓަކީ މުހިންމު ވޯޓަކަށް ވާނެ ކަމަށެވެ. އަދި ފަރަންސޭސިވިލާތުގެ ރައްޔިތުން ވަނީ މެކްރޮނިސްޓް ބްލޮކް އަމަލީ ގޮތުން ނައްތައިލައިފައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ބާއްވަން އަދި ތިން އަހަރު އެބައޮތެވެ. ނަމަވެސް ޔޫރަޕިއަން ޕާލިމެންޓުގެ އިންތިޚާބުގައި އާރްއެން އިން މެކްރޮންގެ ރެނެސަންސް ޕާޓީގެ މައްޗަށް ކުރި ހޯދިތާ ތިން ހަފްތާ ފަހުން ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބޭއްވުމާ ގުޅިގެން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ.
އެ އިންތިޚާބަކީ 1997 ވަނަ އަހަރަށްފަހު ފަރަންސޭސިވިލާތުގެ އެގޮތަށް ބޭއްވި ފުރަތަމަ އިންތިޚާބެވެ.