ބޮލީވުޑްގެ އެކްޓަރު އަދިތިޔަ ރޯއި ކަޕޫރުގެ ކެރިއަރުގެ ދެވަނަ ސީރީޒްގެ ބަތަލާގެ ރޯލުން ފެންނާނީ ސައުތު ސިނަމާގެ ކާމިޔާބު ބަތަލާ ސަމަންތާ ރުތު ޕްރަބޫ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މަޝްހޫރު ސީރީޒްތައް އުފެއްދުމުގެ މޭސްތިރިން ކަމަށްވާ ރާޖް އަދި ޑީކޭ ވުޖޫދަށް ގެންނަ މި ސީރީޒްގެ ނަމަކީ "ރަކްތަބީޖް"އެވެ. ސަމަންތާއަކީ ރާޖާއި ޑީކޭ އެމޭޒަން ޕްރައިމަށް އުފެއްދި "ދަ ފެމިލީ މޭން2"ގެ މުހިއްމު އެއް ބަތަލާއެވެ. ހަމައެއާއެކު އެމޭޒަން ޕްރައިމްއިން ގެނެސްދޭ "ސިޓަޑެލް: ހަނީ ބަނީ"ގައި ވެސް ސަމަންތާ މުހިއްމު ރޯލެއް ކުޅޭއިރު މިއީ ވެސް ރާޖާއި ޑީކޭ ޑައިރެކްޓްކުރާ ސީރީޒެކެވެ.

ޑިޒްނީ ހޮޓް ސްޓާއިން ގެނެސްދިން ސީރީޒް "ދަ ނައިޓް މެނޭޖާ"އަށް ފަހު އަދިތިޔަ ރޯއި ކަޕޫރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާއިރު ރާޖާއި ޑީކޭ އަލަށް އުފައްދާ ސީރީޒަށް އަދިތިޔާ ގެންނަން ނިންމީ އެކްޓަރާއެކު ހަ މަސް ދުވަސް ވަންދެން ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ބަތަލާ ސަމަންތާ ވެބް ސީރީސް "ދަ ފެމިލީ މޭން2"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

"ރަކްތަބީޖް"ގެ މަސައްކަތް މިހާރު ފަށާފައިވާއިރު މި ސީރީޒްގައި ދެ ތަރިން ކުޅޭ ރޯލާ ގުޅޭ ހާއްސަ ތަމްރީނުތަކެއް ފުރިހަމަކުރުމަށް ވަނީ ނިންމާފައެވެ.

ރާޖާއި ޑީކޭ މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ "ދަ ފެމިލީ މޭން"ގެ ތިންވަނަ ސީޒަން ބެލުންތެރިންނަށް ގެނެސްދިނުމުގެ މަސައްކަތަށް ކަމުން "ރަކްތަބީޖް"ގެ މަސައްކަތް ރަސްމީކޮށް ފަށަން ނިންމާފައިވަނީ މި އަހަރުގެ އޮގަސްޓް މަހުއެވެ.