18 Jun 2012, 23:42
ރާއްޖޭގެ ރަށްރަށުގެ ނަރުދަމާއާ ކަރަންޓާއި ބޯފެނުގެ ނިޒާމު ރަނގަޅު ކުރަން ރިއޯ ސަމިޓުގެ ބައިވެރިންގެ އެހީ ލިބޭނެ ކަމަށް ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ބުރެޒިލްގެ ރިއޯޑި ޖެނީރޯގައި ކުރިއަށްދާ ދެމެހެއްޓެނިވި ތަރައްގީއާއި ގުޅޭ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް މިރޭ ބްރެރިޒިލަށް ފުރާ ވަޑައިގަތުމުގެ ކުރިން ބޮޑު ފާލަމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީ މިހާރު ކުރިއަށް ގޮސްފައިވާ މިންވަރާއި ތަރައްގީގައި ރާއްޖެ ކުރިއަށް ދިއުމުގައި ހުރި ގޮންޖެހުންތައް ދިރާސާކޮށް ގައުމުތަކާއި މަޝްވަރާކޮށް ބޮޑެތި މައްސަލަތައް ހައްލުކުރަން ބޭރުގެ އެހީ ހޯދުމަކީ ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.
"ހާއްސަ ގޮތެއްގައި އަޅުގަނޑު ފާހަގަކުރަން ރަށްރަށުގެ ގޮނޑުދޮށްތައް ގިރަމުން ދިއުމާއި ހުރިހާ ރަށެއްގައި ވެސް ނަރުދަމާގެ ނިޒާމާއި ބޯފެނުގެ ނިޒާމު ގާއިމް ކުރަން މިހާރު ޖެހިފައިވާކަން. އެއީ އަޅުގަނޑުމެން މިހާރު ފާހަގަ ކުރަން ޖެހޭ ކަމެއް. ރާއްޖެ ތަރައްގީ ކުރަން މިހާރަށް ވުރެ ބޮޑަށް އެއްފަސް ކުރުމުގެ ސިޔާސަތު ވެސް ކުރިއަށް ގެންދަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތްތާނގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރަނގަޅު ނަރުދަމާގެ ނިޒާމާއި ބޯފެނުގެ ހިދުމަތާއި ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ހެޔޮ އަގުގައި ލިބޭނެ ގޮތް ފަހިވެފައި އޮތުމަކީ ސަރުކާރުން ބޭނުންވާ ކަމެއް ކަމަށާއި މިފަހަރުގެ ސަމިޓްގައި ރާއްޖެއަށް ބޭނުންވާ އެހީތައް ކޮންމެވެސް ވަރަކަށް ލިބިގެންދާނެ ކަމަށެވެ.
"ތަރައްގީގެ ސިޔާސަތު ބިނާ ކުރުމަށްޓަކައި ކުދި ގައުމުތަކަށް ދިމާވެފައިވާ ހާއްސަ މައްސަލަތަކަށް ކޮންމެވެސް ވަރަކަށް ބެލި އެކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީ ލިބޭނެ ގޮތެއް އަޅުގަނޑުމެން ބަލާނަން،" ރައީސް ވިދާޅުވި އެވެ.