01 Jul 2024, 17:38
ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެމަނިކުފާނުގެ ޢާއިލާއަށް ނިސްބަތްކޮށް މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ދޮގު ޚަބަރުތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ހީނާ މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް ސަލީމާއި އިތުރު ދެ މީހަކު ބައިވެރިވެގެން ސިހުރު ހަދާކަމަށް ދިވެހި ފުލުހުން ތަހުގީގުކުރާ މައްސަލައާ ގުޅިގެން ރައީސްއާ އެމަނިކުފާނުގެ އާއިލާއިން އެފަދަ އެއްވެސް މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު ޝިފާން ވެސް އެކްސްގައި ޕޯސްޓެއްގައި ކުރައްވައި ވިދާޅުވީ، ސިހުރު ހަދާ މައްސަލައަކީ ރައީސް އާއި އެމަނިކުފާނުގެ އާއިލާއިން ހުށަހަޅައިގެން ތަހުގީގުކުރަމުންދާ މައްސަލައެއް ކަމަށް ބުނެ މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއްނެތް، ދޮގު ވާހަކަތަކެއް ކަމަށެވެ.
ރައީސަށް ސިހުރު ހެދިކަމަށް ތުހުމަތުކުރާ މައްސަލައިގައި ހައްޔަރުކުރީ ޝަމްނާޒް ސަލީމާއި، އޭނާގެ ކޮއްކޮ ސަނާ ސަލީމާއި 58 އަހަރުގެ ފިރިހެނެކެވެ.
ޝަމްނާޒާއި ސަނާގެ މައްޗަށް ފުރަތަމަ ޖެހި ހަތް ދުވަސް ހަމަވުމުން މިއަދު އެ ދެ މީހުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު ހަތް ދުވަސް ވަނީ ޖަހައިފައެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި ފިރިހެން މީހާ ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.
ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ މީހުން ވަރިވީ ވަރަށް ފަހުންނެވެ. ރަމީޒު ރާއްޖެއިން ފުރައިވަޑައިގެންފައިވާ ކަމުގެ ޚަބަރުތައް ވެސް އަންނަނީ ފެތުރެމުންނެެވެ.
ޝަމްނާޒާއި ރަމީޒު ވަނީ މަގާމުން ސަސްޕެންޑުކޮށްފައެވެ.