ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި އޯޓީޕީގެ ގޮތުގައި ސްޕޭމް މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވާން އިލްތިމާސްކޮށްފިއެވެ.

މިކަމާ ގުޅިގެން އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ރޭގެ ވަގުތެއްގައި އެ ކޯޕަރޭޝަނުގެ ނަމުގައި އޯޓީޕީގެ ގޮތުގައި ސްޕޭމް މެސެޖުތަކެއް ފޮނުވާފައިވާކަން ސަލާމު ކަމަށް އައިސްފައިވާ ކަމަށެވެ.

އެއީ އެ ކޯޕަރޭޝަނުން ފޮނުވާފައިވާ މެސެޖުތަކެއް ނޫން ކަމަށް ބުނެ، އެޗްޑީސީންވަނީ ކުރިއަށް އޮތް ތަނުގައި ވެސް އެ ގޮތަށް ދައުރުވާ މެސެޖުތަކާމެދު ސަމާލުވާން އިލްތިމާސްކޮށްފައެވެ.

ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކައުންޓަރު -- ފޮޓޯ/ އެޗްޑީސީ

މީގެ އިތުރުން އެ ބަޔާނުގައިވަނީ އެޗްޑީސީގެ ކަސްޓަމަރުންނާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޑޭޓާގެ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެޗްޑީސީން ބުނީ ކަސްޓަމަރުންގެ މައުލޫމާތާއި ސެކިއުރިޓީއަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެ ގޮތުން އެޗްޑީސީގެ ނަމުގައި ލިބޭ ސްޕޭމް މެސެޖުތަކަށް ކަސްޓަމަރުން ކުރިއަށް އޮތް ތަނުގައި ވެސް ސަމާލުވުމަށާއި، އޯޓީޕީ ފަދަ ސެކިއުރިޓީ ކޯޑުތައް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކުރެއެވެ.

މިދިޔަ ހޮނިހިރު ދުވަހު، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ވެސް ސްޕޭމް މެސެޖުތަކެއް ދައުރު ކުރަމުންދާ ކަމަށް ބުނެ، ސަމާލުވުމަށް އެ ޕާޓީގެ ފަރާތުން ބުންޏެވެ.

އެއާއެކު އެ ޕާޓީންވަނީ އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައި، މި ކަމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ބުނެފައެވެ.

އެކި ކަހަލަ އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ އޮޅުވާލައިގެން ފައިސާ ހޯދުމަކީ އާންމު ކަމެކެވެ. މި ފަދަ ކަންކަމަށް ސަމާލުވެ، ހޭލުންތެރިވުމަށް ފުލުހުންނާއި ކަމާބެހޭ އެހެނިހެން ފަރާތްތަކުން އަބަދު ވެސް ދަނީ ގޮވާލަމުންނެވެ.