18 Jun 2012, 22:53
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަކުން ކުންފުންޏެއް އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ފެނަކަ، އުފެއްދެވީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހިދުމަތާއި ތިމާވެއްޓަށް ގެއްލުން ކުޑަ ގޮތެއްގައި ކުނި ނައްތާލުމުގެ ޚިދުމަތް ދިނުމަށް ކަމަށެވެ.
މި ކުންފުނި ރައީސް އުފެއްދެވީ ކުންފުންޏާބެހޭ ޤާނޫނު 95 ވަނަ މާއްދާއިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އެފަދަ ކުންފުންޏެއް އުފެއްދުމުގެ ބޭނުންތެރިކަން ބޮޑު ކަމަށް އެމަނިކުފާނަށް ފެނިވަޑައިގެން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އަލަށް އުފެއްދި ކުންފުންޏަކީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.