01 Jul 2024, 17:24
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު ދުއްވުމަށް ޚާއްސަކޮށްފައިވާ ކާރެއް ވަގަށް ނަގައިފައިވާ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފިއެވެ.
އެ މައްސަލައިގައި އެ އޮފީހުން ދައުވާކުރީ މ. ސީނީއަސުރުމާގޭ މުޙައްމަދު ހައިޝަމްއާއި މ. މޮޑަންކޮމެޓް އަޙްމަދު ނިޒާމްގެ މައްޗަށެވެ. އޭގެ ތެރެއިން ހައިޝަމަކީ އެމްއޭސީއެލްގައި މަސައްކަތް ކުރަމުން އައި މީހެކެވެ.
އެ ދެ މީހުންގެ މައްޗަށް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް އެ ދެ މީހުންގެ މައްޗަށް އަންނާނެއެވެ.
ނިޒާމްގެ މައްޗަށް ވަނީ، މީހަކަށް އޮޅުވާލުމުގެ ނިޔަތުގައި އެއްޗަކަށް ބަދަލު ގެނައުމުގެ ދައުވާއާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެއް ވެސް ކޮށްފައެވެ.
އެ ދައުވާކުރީ، އުޅަނދުގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލާއި އެ އުޅަނދުގެ އަސްލު އޮޅުވާލުމަށް މަސައްކަތްކޮށްފައި ވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގުން އެ ކަމުގެ ފަހަތުގައި ވެހިކަލް ވަގަށް ނެގުމުގެ ބޮޑު ނެޓްވޯކެއް އޮތްކަން އެނގިފައިވާ ކަމަށް މިދިޔަ މަހުގެ 13ގައި ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ނިޒާމްގެ ނަން މަތީގައި 100 އުޅަނދު ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރެއިން 86 އުޅަނދަކީ ހަތަރު ފުރޮޅުލީ އުޅަނދު ކަމަށާއި އުޅަނދުފަހަރު ރަޖިސްޓްރީކޮށްފައިވަނީ އަންހެނުންނާ އެކު ދެ މީހުންގެ މައްޗަށް ބަހާލައިގެންނެވެ. އެގޮތުން، ނިޒާމްގެ އަންހެނުންގެ ނަން މަތީގައި 42 އުޅަނދު ރަޖިސްޓްރީކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.