01 Jul 2024, 17:07
ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ސިހުރު ހެދި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ހައްޔަރުކުރި ފިރިހެން މީހާ ޝަރުތުތަކާއެކު ދޫކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ހައްޔަރުކުރީ އުމުރުން 58 އަހަރުގެ ފިރިހެނެއް ކަމުގައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހޮނިހިރު ދުވަހު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާ ޝަރުތުތަކާއެކު ދޫކޮށްލާފައި ވާކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރީ ކޮން ޝަރުތުތަކެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އެ މައްސަލައާ ގުޅިގެން ދެން ހައްޔަރުކުރީ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް ސަލީމާއި އޭނާގެ ކޮއްކޮ، އެ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ސަނާ ސަލީމެވެ.
ޝަމްނާޒާއި ސަނާގެ ބަންދަށް އެންމެ ފުރަތަމަ ޖެހި ހަތް ދުވަސް މިއަދަށް ހަމަވުމުން އެ ދެ މީހުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިއަދު އިތުރު ހަތް ދުވަސް ދެ މީހުންނަށް ވެސް ވަނީ ޖަހައިފައެވެ.
ޝަމްނާޒް އަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ މީހުން ވަރިވީ ވަރަށް ފަހުންނެވެ. ރަމީޒު ރާއްޖެއިން ފުރައިވަޑައިގެންފައިވާ ކަމުގެ ޚަބަރުތައް ވެސް އަންނަނީ ފެތުރެމުންނެެވެ.
މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި ޝަމްނާޒު އެ މަގާމުން އިސްތިއުފާދެއްވީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އެއަށް ފަހު އޭނާ އައްޔަންކުރެއްވީ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. ފަހުން އޭނާ އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރެއްވީއެވެ.