ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ސިހުރު ހެދިކަމަށް ތުހުމަތުކުރާ މައްސަލައިގައި ހައްޔަރުކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް ސަލީމާއި، އޭނާގެ ކޮއްކޮ ސަނާ ސަލީމްގެ ބަންދަށް އިތުރު ހަތް ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިއެވެ.

އެންމެ ފުރަތަމަ އެ ދެ މީހުން ހައްޔަރުކޮށް ބަންދަށް ޖެހި ހަތް ދުވަސް މިއަދަށް ވަނީ ހަމަވެފައެވެ. އެހެންވެ މިއަދު އަލުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރުކުރީއެވެ.

ސިހުރު ހެދިކަމަށް ތުހުމަތުކުރާ މައްސަލައިގައި ޝަމްނާޒު ވަނީ ސްޓޭޓް މިނިސްޓަރުކަމުން ސަސްޕެންޑު ވެސް ކޮށްފައެވެ. ބައިނަލްއަގްވާމީ ދުނިޔޭގެ ސަމާލުކަން މި ކަމަށް ލިބިފައިވާއިރު، ފުލުހުން މި މައްސަލަ އަންނަނީ ބަލަމުންނެވެ. ނަމަވެސް އިތުރު ތަފްސީލެއް މީޑިއާއަށް ހިއްސާ ނުކުރެއެވެ.

ޝަމްނާޒް އަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ މީހުން ވަރިވީ ވަރަށް ފަހުންނެވެ. ރަމީޒު ރާއްޖެއިން ފުރައިވަޑައިގެންފައިވާ ކަމުގެ ޚަބަރުތައް ވެސް އަންނަނީ ފެތުރެމުންނެެވެ.

މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި ޝަމްނާޒު އެ މަގާމުން އިސްތިއުފާދެއްވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އެއަށް ފަހު އޭނާ އައްޔަންކުރެއްވީ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. ފަހުން ވަނީ އޭނާ އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވައިފައެވެ.

މި ކަމާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.