17 Aug 2010, 09:21
14:25
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ކުރަމުންދާ މަސައްކަތްތައް ކުރުމަށް، މޯލްޑިވްސް ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓަކްޝަން ސާވިސްގެ ނަމުގައި އާ މުއައްސަސާއެއް އުފެއްދުމަށް ސަރުކާރުން ހުށަހެޅި ކަސްޓަމްސްގެ ގާނޫނުގެ ބިލުގެ ބަހުސް ފަށައިފި އެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން އެމްޑީޕީގެ މެންބަރު، ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ ވިދާޅުވީ، މިއީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތާ ދިމާލަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށެވެ. އަދި ވަކި ފަރާތަކަށް ނުޖެހޭ ވިޔަފާރީގެ ހަގީގަތަށް ރިއާޔަތްކޮށް، މުދަލަށް ޑިއުޓީ ދައްކާނޭ އަގު ކަނޑައެޅުމުގެ އުސޫލުތަކެއް މި ގާނޫނުން ހަމަޖެހިގެންދާނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ. އަދި މި ގާނޫނުން ގެންނަ ބަދަލުތަކުގެ ސަބަބުން، މިހާރު މުދާ ނެރުމަށް ނަގާ ތިން ހަތަރު ދުވަހުގެ މުއްދަތު ތިން ހަތަރު ގަޑިއިރަށް ކުޑަވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މި ގެންނަ ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް އުނިކަން އަޔަނުދިނުމަށް ކަސްޓަމްސް އިން ދެ އުސޫލެއް ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ބިލަށް ވާހަކަ ދައްކަވަމުން ޕީއޭގެ ލީޑަރު އަދި މުލަކު ދާއިރާގެ މެންބަރު އަބުދުﷲ ޔާމީން ވިދާޅުވީ، މި ބިލުން ކަސްޓަމްސް އަށް އިގްތިސާދީ ސިޔާސަތާއި ސަރަހައްދު ކަނޑައެޅުމުގެ ބާރު ލިބިގެންދާ ކަމަށެވެ. އަދި ސިޔާސަތުތައް ތަންފީޒުކުރުމުގެ ގޮތުން ޑިއުޓީ ނެގުމުގެ ބާރު ކަސްޓަމަށް ލިބުނު ނަމަވެސް އިގްތިސާދީ ސިޔާސަތާއި ސަރަހައްދު ކަނޑައެޅުމަކީ އެކަމާ ބެހޭ މިނިސްޓްރީއަށް ލިބިގެންވާ ބާރެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
މި ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް ވިދާޅުވީ، މިއީ ކޮރަޕްޝަގެ ފައިސާ ނަގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި މިބިލު މަޖިލީހަށް ބަލައިނުގަތުމަށާއި، ތަޖުރިބާކާރުންގެ ހިޔާލާ އެކު ބިލު އަލުން ފަރުމާކޮށްގެން ގެނައުމަށް ބިލު އަނބުރާ ގެންދިއުމަށް ވެސް ޒާހިރު ގޮވައިލެއްވި އެވެ.
ނަމަވެސް އެމްޑީޕީގެ މެންބަރުން ވަނީ މި ބިލަށް ތާއީދުކޮށް ވާހަކަ ދައްކަވައިފަ އެވެ.