01 Jul 2024, 10:54
ލޯކަލް ކައުންސިލްތަކުން ބާރުގެ ބޭނުންކުރަނީ އެއްވެސް ކަހަލަ މާލީ ޒިންމާދާރުކަމެއް ނެތި ކަމަށާއި މި ދަނޑިވަޅުގައި ވެސް ކައުންސިލްތަކުން އަގުބޮޑު ބޭރު ދަތުރުތައް ކުރަމުން އަންނަ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު މިއަދު ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ. އެ ބިލު ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.
އެ ބިލުގެ ބަހުސްގައި ދިއްގަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ، އިގުތިސާދީ ހާލަތު ދަށްވެފައި އޮތްއިރު އެ ކައުންސިލްތަކުން ބޭރު ގައުމުތަކަށް އަގު ބޮޑުކޮށް ދަތުރުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ ކަން ބަދަލުވާން ޖެހޭކަން ނާޒިމް ފާހަގަކުރެއްވިއެވެ.
"ލޯކަލް ކައުންސިލްތަކުގެ ގާނޫނުން ކައުންސިލްތަކަށް ދެވިފައިވާ ބާރުގެ ބޭނުން އެ ކައުންސިލްތަކުން ހިފަނީ އެއްވެސް މާލީ ޒިންމާދާރުކަމެއް ނެތި،" އޭނާ ވިދާޅުވިއެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި ހއ. އަތޮޅު ކައުންސިލުން ވަނީ މި މަހު 26 ގައި އަންނަ ބަންދުގައި ތައިލެންޑުގެ ބެންކޮކަށް ދަތުރެއް ރާވަފައެވެ. އަދި، މި އަހަރު ގދ. އަތޮޅު ކައުންސިލުން ވަނީ 12 ދުވަހަށް ތުރުކީއަށް އަދި ތިން ދުވަހަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީއަށް ދަތުރުކޮށްފައެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ދަތުރަށް 837،078.96 ރުފިޔާ ޚަރަދުކުރިއެވެ. އަދި، ޑޮލަރު ގަތީ ކަޅު ބާޒާރުން 17.65 ރުފިޔާއަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ދައުލަތުގެ ވިސްނުމާ އެއްގޮތަށް ކައުންސިލްތަކުގެ ވިސްނުން ވެސް އެބަޖެހޭ އެނބުރެން. މި ކަންތައް އެބަޖެހޭ ރަނގަޅުވާން،" ނާޒިމް ވިދާޅުވިއެވެ.
އިގުތިސާދީ ހާލަތު ދަށްވުމުގެ ސަބަބުން ސަރުކާރުން ވެސް ވަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ. އެގޮތުން، ހަފުލާތައް ނުބާއްވައި، ސިޔާސީ މަގާމުތަކުގެ އަދަދު ވެސް މަދުކުރައްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާނުކުރައްވައިފައެވެ.
އެ މަނިކުފާނު ވަނީ މި މަހު 26 ގައި ބާއްވަން އޮތް ކުޅިވަރުތައް ވެސް ހުއްޓައިލަން އަންގައިފައެވެ.
ރާއްޖެއަށް މިހާރު ދިމާވެފައި އޮތް އިގުތިސާދީ ހުރަސްތަކުން އަރައިގަންނަން ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓާ އެރްދެމް އަތާސް ވެސް ވަނީ ވިދާޅުވެފައެވެ.
މާލީ ހާލަތަށް ބަލައި ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެއީ، ދައުލަތުގެ ދަރަނި ބޮޑުވުމާއި ބޭރުން ފައިސާ ހޯދަން ހުރި ދަތިތައް ފާހަގަކޮށް، ގެނައި ބަދަލެކެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވޯލްޑް ބޭންކުގެ އިކޮނޮމިސްޓް ވިދާޅުވީ، ރާއްޖެއަށް މިހާރު ދިމާވެފައި އޮތް މާލީ ގޮންޖެހުންތަކަކީ އެއް އަހަރުން ދެ އަހަރުން ކުރިމަތިވެގެން އުޅޭ ކަމެއް ނޫން ކަމަށާއި މިއީ ފާއިތުވި 10 އަހަރު ދަރަނި އިތުރުވުމާއި ބަޖެޓު ޑެފިސިޓާއި ކަރަންޓު އެކައުންޓް ޑެފިސިޓް އިތުރުވަމުންދިއުމުގެ ނަތީޖާ ކަމަށެވެ.
ރާއްޖެއިން އަބަދު ވެސް ލިބޭ އާމްދަނީއަށް ވުރެ މާ ގިނައިން ޚަރަދުކުރެއެވެ. އެ ފައިސާ ހޯދަނީ އެތެރެއިންނާއި ބޭރުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ. މާލީ ނަންބަރުތަކަށް ބަލާއިރު މިހާރު ވެސް ރާއްޖޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 100 އިންސައްތައަށް ވުރެ މަތީގައެވެ.