01 Jul 2024, 09:50
އައްޑޫ ސިޓީ މަރަދޫގައި ރޭ މާރާމާރީއެއް ހިންގައި، ދެ މީހުން ޒަޚަމުކޮށްލައިފިއެވެ.
ފުލުހުން ބުނީ، މި މާރާމާރީ ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 10:30 އެހާކަންހާއިރު ކަމަށެވެ.
ރޭގެ މާރާމާރީގައި ދެ މީހަކު ވަނީ ޒަޚަމުކޮށްލައިފައެވެ. އެކަމަކު، ޒަޚަމުތަކުގެ ތަފުސީލެއް ފުލުހުން ނުދެއެވެ.
މާރާމާރީގައި އަނިޔާވި ދެ މީހުންނަށް ވެސް ފަރުވާދިނުމަށް ފަހު، ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މީހުންނަށް ޖިސްމާނީ ހަމަލާ ދިނުމުގެ 313 އަށްވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުންގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭނަށް އަމަލުކުރަން ފަށާފައިވާއިރު އޭގެ ތެރެއިން އެންމެ އިސްކަންދޭނީ ގޭންގްތައް ހަދައިގެން ރާއްޖޭގެ އަމަންއަމާންކަން ނަގާލާފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.