ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ރޭ ހަތް ދުވަސް ޖަހައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަނދާ މެދު ގޮތެއް ނިންމަން ރޭގެ ވަގުތެއްގައި ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ހަތް ދުވަހަށް އޭނާ ބަންދުކުރުމަށް އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ، ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހާ މާރާމާރީ ހިންގި ކަމަށް ތުހުމަތުވާ މައްސަލައެއް ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 46 އަހަރުގެ އަންހެނަކަށް ކަމަށާއި އެ އަންހެން މީހާއަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން އޭރު މައުލޫމާތު ދިނެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.