01 Jul 2024, 09:03
ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ބުރުގައި ސްލޮވާކިޔާއިން ލީޑުގައި ވަނިކޮށް މެޗުގެ ފަހުކޮޅު ކާމިޔާބުކުރި ލަނޑުތަކާ އެކު އިންގްލެންޑުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
އިންގްލެންޑު ކުއާޓާ ފައިނަލަށް ދަތުރުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ 1-1 ގައި އޮތުމުން ކުޅުނު އިތުރުވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ކުރީކޮޅު ކާމިޔާބުކުރި ލަނޑާ އެކު 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ސްލޮވާކިޔާއިންނެވެ. މެޗުގެ 25 ވަނަ މިނެޓްގައި އިންގްލެންޑް ކޮޅަށް މި ލަނޑު ވައްދާލީ އިވާން ޝްރާންޒެވެ. ޑޭވިޑް ސްޓްރެލެކް ހުސްކޮށްލާފަ ޖައްސާލުމުން އިވާން ޝްރާންޒް މި ލަނޑު ގޯލްގެ ދުރު ކަނަށް ފޮނުވާލައިގެންނެވެ. މިއީ މި މުބާރާތުގައި އޭނާގެ ތިންވަނަ ލަނޑެވެ.
މެޗު ނިމެން ދަނިކޮށް އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ތެރެއިން ފަސް މިނެޓުގެ ކުޅުން ނިމި ހަވަނަ މިނިޓްގައި އިންގްލެންޑުން ނަތީޖާ ހަމަހަމަކުރި ލަނޑު ޖެހީ ބެލިންހަމެވެ. މިއީ ކައިލް ވޯކާ އަރިމަތިން އެއްލި ބޯޅަ މާކް ގޮއެހީ ބޮލުން ފަހަތަށް ޖައްސާލި ބޯޅަ ބައިސިކަލް ކިކަކުން ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ 90 މިނެޓުގެ ކުޅުން ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މޮޅުވާނެ ޓީމެއް ކަނޑައަޅަން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.
އިންގްލެންޑުން ކުއާޓާ ޔަގީންކުރި ލަނޑު ޖެހީ މެޗު އިތުރު ވަގުތުގެ ފުރަތަމަ ހާފްގެ ކުޅުމުގެ ފުރަތަމަ މިނެޓުގައެވެ. އިނގިރޭސި ޖާޒީގައި ޔޫރޯ މެޗަކަށް ފުރަތަމަ ފަހަރަށް ނުކުތް އިވާން ޓޯނީ ބޮލުން އޭރިޔާ ތެރެއަށް ޖައްސާލި ބޯޅަ ގޯލް އޭރިޔާ ތެރެއިން ކެޕްޓަން ހެރީ ކޭން ގޯލަށް ފޮނުވާލީ ވެސް ބޮލުންނެވެ.
ސްލޮވާކިޔާއިން ވަނީ މި މެޗުގައި ޓީމެއްގެ ގޮތުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އިންގްލެންޑް ކުއާޓާ ފައިނަލްގައި ވާދަކުރަން ޖެހޭނީ ސްވިޒަލެންޑާއެވެ. މި މެޗު ކުޅޭނީ ޖުލައި މަހުގެ ހަވަނަ ދުވަހުއެވެ.