18 Jun 2012, 20:57
ވެރިކަން ފުރޮޅުމަށް ފަހު ޖެހިގެން އައި ފެބުރުއަރީ އަށް ވަނަ ދުވަހު އެމްޑީޕީން މުޅި މާލޭގައި ކުރި މުޒާހަރާގައި އަނިޔާވި މީހުން އޭޑީކޭ ހޮސްޕިޓަލަށް ގެންނަމުން ދިޔަ ވަގުތު އެ ހޮސްޕިޓަލްތެރޭ ވަޅިއެއް ގެންގުޅުނު މީހަކު ދޮޅުއަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އޭޑިކޭ ހޮސްޕިޓަލް ތެރޭގައި ވަޅިގެންގުޅުނު ކަމުގެ ކުށުގައި ދޮޅު އަހަރަށް ޖަލަށްލާން ހުކުމް ކުރީ މ. ލިޔާއާގޭ، އަބްދުﷲ މާޒިންގެ 21، މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާޒިން އޭޑީކޭ ހޮސްޕިޓަލްތެރޭގައި ހުއްޓާ އާންމުން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން އެތަނަށް ގޮސް ޗެކްކުރި އިރު އޭނާގެ ޖީންސްގެ ޖީބުން ފަސްއިންޗީގެ ވަޅިއެއް ފެނިފައިވާކަން އޭނާގެ ބަހުންް އެނގޭކަމަށެވެ.
މާޒިން ޝަރީއަތުގައި ބުނެފައިވާކަމަށް އެ ހުކުމްގައި ބުނަނީ އެވަޅި އަކީ އޭނާގެ ބައްޕައާއި ހަވާލުކުރަން ގެންގުޅުނު ވަޅިއެއް ކަމަށެވެ. ނަމަވެސް އެވަގުތު އޭނާގެ ބައްޕަ ހުރީ އެ ހޮސްޕިޓަލްގައި ނޫންކަން އޭނާގެ ބަހުން އެނގޭ ކަމަށްވެސް ހުކުމުގައިވެ އެވެ.
އެ ހުކުމްގައި ބުނަނީ މާޒިން ހޮސްޕިޓަލަށް ދިޔަ ބޭނުމެއްކަމަށް އޭނާ ބުނެފައި ވަނީ ރޮދިކޮށަން ކަމަށެވެ. ނަމަވެސް އޭނާގެ ވަކީލު ބުނާގޮތުން އޭނާ އެތަނަށް ދިޔައީ އެ ހޮސްޕިޓަލް ތެރޭގައި މީހުން ގިނަވެގެން އުޅޭތީ ވެގެން އުޅޭގޮތެއް ބަލައިލަން ކަމަށްވެސް ހުކުމްގައިވެ އެވެ. އަދި ބުނަނީ އެހެންކަމުން ވަކީލުގެ ވާހަކަޔާއި މާޒިންގެ ވާހަކަ ދިމާނުވާކަމަށް ފާހަގަ ކުރެވޭ އިރު އޭނާ އެވަޅި ގެންގުޅެފައި ވަނީ މަގުބޫލު ސަބަބެއް އޮވެގެން ކަން ޝަރީއަތަށް ސާބިތުކޮށް ދެވިފައި ނުވާކަމަށެވެ.
"... ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) ގެ ދަށުން މަގުބޫލު ސަބަބެއްނެތި އާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުން މާލޭ، މ. ލިޔާއާގޭ އަބްދުﷲ މާޒިން ކުއްވެރިވެއްޖެ ކަމަށް ކަނޑައަޅައި މިކުށުގެ އުގޫބާތެއްގެ ގޮތުން ބުނެވިދިޔަ ގާނޫނުގެ ތިން ވަނަ މާއްދާގެ (ނ) ގެ ދަށުން ހަ މަސްދުވަހަށް އަދި އަބްދުﷲ މާޒިން ތޫނުއެއްޗެއް ގެންގުޅެފައި ވަނީ ސިއްހީ ޚިދުމަތް ދޭ ތަނެއްގައި ކަމަށްވާތީ، ބުނެވި ދިޔަ މާއްދާގެ (ރ) ގެ ދަށުން އެއް އަހަރު ދުވަހަށް، އެކު ޖުމްލަ އެއް އަހަރާއި ހަމަސް ދުވަހުގެ މުއްދަތަށް މާލޭ، މ. ލިޔާއާގޭ އަބްދުﷲ މާޒިން ޖަލަށް ލުމަށް ހުކުމް ކޮށްފީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.