01 Jul 2024, 07:50
ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނަށް އެހީ ފޯރުކޮށްދިނުމަށް ވަކި ރަށެއްގައި ހަދާ މަރުކަޒު ގާއިމުކުރާނީ ކުރިން މީހުން ދިރިއުޅެފައިހުރި ރަށެއްގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ނިންމަވައިފިއެވެ.
ސަރުކާރުން ވަނީ ކުށްކުރާ ގޭންގުތަކާ ގުޅުން އޮންނަ ކުޑަކުދިން ރިހެބިލިޓޭޓްކުރަން 'ހޯޕް އައިލެންޑު'ގެ ނަމުގައި ވަކި ރަށެއް ތަރައްގީކުރަން ނިންމައިފައިވާކަން މީގެ ކުރިން އިއުލާނުކޮށްފައެވެ.
ރައީސް އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ކުށުން ސަލާމަތް ކުރާ އަދި އެކި ސަބަބުތަކަށް ޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުދިންނަށް ފަރުވާއާއި އެހީ ދިނުމަށް ހަދާ އެ ސެންޓަރު ގާއިމުކުރާނީ ފަޅުކޮށް ހުރި ނަމަވެސް، އުމްރާނީ ތަރައްގީގެ ކަންކަން ހަމަޖެހިފައިވާ ރަށެއްގައި ކަމަށެވެ. ނަމަވެސް އެއީ ސީދާ ކޮން ރަށެއްކަން ކަނޑައަޅައިފައިވާކަން އެ އޮފީހުން ހާމައެއް ނުކުރެއެވެ.
ރައީސް އޮފީހުން ބުނީ ރައީސް އެގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހޯމް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް އެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.
ކުޑަކުދިންގެ ރިހެބިލިޓޭޝަން މަރުކަޒެއްގައި ހުންނާނެ ފެސިލިޓީތަކާއި މަރުކަޒުގައި ހިންގާނެ ޕްރޮގްރާމުތަކުގެ ތަފުސީލުތައް އެ ކަރުދާހުގައި ހިމަނާފައިވާ ކަމަށް އެ އޮފީހުގެ ބަޔާނުގައިވެއެވެ. ނަމަވެސް އެ ކަރުދާހާ ބެހޭ އިތުރު ތަފުސީލެއް ވެސް ރައީސް އޮފީހުން ހާމަނުކުރެއެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުގެ ވިސްނުމަކީ ކުށްކުރާ ގްރޫޕުތަކާ ގުޅުން އޮންނަ ކުދިން 18 އަހަރު ވަންދެން 'ހޯޕް އައިލެންޑު'ގައި ބޭތިއްބުމެވެ. އެއަށް ފަހުގައި އެ ކުދިންނަށް 18 އަހަރުވުމުން އެސެސްމަންޓު ހެދުމަށް ފަހު މޮނިޓަރިންގެ ތެރެއިން މުޖުތަމައަށް ދޫކޮށްލާނެ ކަމަށާއި އެ ނޫން ކުދިން ސިފައިންނާއި ފުލުހުންގެ ތެރެއަށް ރެކްރޫޓު ކުރާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އިހުސާން ވިދާޅުވެފައިވާ ގޮތުގައި ގޭންގުތަކާ ގުޅުން އޮތް އަދި މިހާރުން މިހާރަށް އަޅާލާންޖެހޭ 400 އެއްހައި ކުޑަކުދިން އެބަތިއްބެވެ.