01 Jul 2024, 08:52
ހެނދުނު ހެނދުނާ ހޭލަން ޝައުގުވެރިކަމެއް ނެތް ނަމަ އެ ވިސްނުން ބަދަލުކޮށްލުމާ މެދު ފުންކޮށް ވިސްނާލާށެވެ. ސަބަބަކީ ހެނދުނު ހެނދުނާ ފޯރުކޮށްދޭ އަތްވަކީ ހަށިގަނޑަށް ނުހަނު ގިނަ ގުނަ ފައިދާތަކެއް ލިއްބައިދޭ އައްޔަކަށް ވާތީއެވެ.
ގިނަ ބަޔަކީ ހެނދުނުގެ އުފާވެރިކަން ލިބިގަތުމަށް ކަސްރަތު ކުރުމަށާއި ފަތިހުގެ ފިނި ވައިރޯޅިތަކުން އުފާ ލިބިގަތުމަށް ނުހަނު ލޯބިކުރާ ބައެކެވެ. ފަތިހު ފަތިހާ ގެއިން ނިކުންނަ މީހުން ވެސް ހެނދުނުގެ ތާޒާ އަވިން ހަށިގަނޑަށް ތާޒާކޮށްލުމަށް އަވީގައި ޖެހިލުމަށް ހަރަކާތްތެރިވާ މަންޒަރަކީ ވެސް ފެންނަ މަންޒަރެކެވެ.

އިރުގެ އަލި ހަށިގަނޑަށް ހޯދައިދިނުމަށް ބޭރުތެރެއަށް ކަސްރަތަށް ނުކުމެވިދާނެ--ފޮޓޯ/އެވަލީވެލް
އިރުގެ އަލިން ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް ޤުދުރަތީ ގޮތުން ވިޓަމިން-ޑީ ލިބުމަށް އެހީތެރިވެދޭ ވާހަކައަކީ ވަރަށް ގިނަ ބަޔަކު ތަކުރާރުކޮށް އަޑުއަހާ ވާހަކައެކެވެ.
'ދަ ސަންޝައިން ވިޓަމިން ޑީ'ގެ ނަމުން ނަން ދެވިފައިވާ މި ވިޓަމިން ހަށިގަނޑަށް ހޯދުމަށް އަވީގައި ހޭދަކޮށްލަން ޖެހެނީ އެންމެ ބައިގަޑިއެއްހާއިރެވެ. ނަމަވެސް، ހަމުގެ ކުލަ އަނދިރި މީހުން މިއަށްވުރެ ގިނަ ވަގުތު އަވީގައި ހޭދަކޮށްލަން ޖެހޭ ކަމަށް ބައެއް ސިއްހީ މާހިރުން ލަފާ އަރުވައެވެ.

އިރުގެ އަލި ގޭތެރޭގައި އިނދެގެން ވެސް ހޯދިދާނެ--ފޮޓޯ/ސްޓޮކްކޭކް
ހެނދުނު ހެނދުނާ ހަށިގަނޑަށް ލިބޭ ހޫނުކަމާ އެކު ތިމާގެ ހަށިގަނޑު ހޭލައްވާލުމަށް އެހީތެރިވެދީ މުޅި ދުވަހު ހަށިގަނޑު ތާޒާކަން މަތީ ބެހެއްޓުމަށް އެހީތެރިވެދެއެވެ. ހަމައެއާ އެކު ރޭގަނޑުގެ ނިންޖަށް ހަށިގަނޑު ތައްޔާރުކޮށްލަ ދިނުމަށް ވެސް ހެނދުނު ހަށިގަނޑަށް ލިބުނު އަލި އެހީތެރިވެދެއެވެ.
މީގެ އިތުރުން، ހޭލެވޭއިރު ތިމާގެ މޫޑު ގޯސްވެފައިވާ ނަމަ އެ ކަމަށް ހައްލެއް ހޯދައިދީ ސިކުނޑިއަށް އިހުސާސްކުރުވާ ކަންބޮޑުވުންތަކުން ދުރުކޮށްދިނުމަށް ވެސް އެހީތެރިވެދެއެވެ. އިރުގެ އަލީގައި ޖެހުމުން ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ އެކްޒިމާއަށް ގުދުރަތީ ގޮތުން ފަރުވާ ލިބުމަށް އެހީއަކަށް ވެއެވެ.
އިރުގެ އަލި ހަށިގަނޑަށް ހޯދައިދިނުމަށް ކުރެވިދާނެ މުހިންމު ބައެއް ކަންތައްތަކުގެ ތެރޭ ހަރަކާތްތެރިވެ އުޅޭއިރު އިރުގެ އަލި ގޭތެރެއަށް ލިބޭނެ ފަދަ ގޮތަކަށް ގޭގެ މާޙައުލު ބަދަލުކޮށްލެވިދާނެއެވެ. އަދި، ގޭތެރޭގައި ކަސްރަތު ކުރާނަމަ އިރުގެ އަލި ލިބޭ ސަރަހައްދެއްގައި ކަސްރަތު ކުރުމަށް އިސްކަން ދެވިދާނެއެވެ.