01 Jul 2024, 07:33
ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ބޮޑު މަގުބޫލުކަމެއް ހޯދުމަށް ފަހު ބޮލީވުޑަށް ތައާރަފުވި ބަތަލާ ރަޝްމިކާ މަންދަނާ އިތުރު ފިލްމަކަށް ސޮއިކޮށްފިއެވެ.
ރަޝްމިކާ މި ފަހުން ސޮއިކުރި ބޮލީވުޑް ފިލްމަކީ، މަޝްހޫރު ޑައިރެކްޓަރު ދިނޭޝް ވީޖަން އުފައްދާ ހޮރޯ ކޮމެޑީ ފިލްމު "ވެމްޕަޔަސް އޮފް ވިޖޭ ނަގަރު"އެވެ. މި ފިލްމުގައި ރަޝްމިކާއާ އެކު ލީޑް ރޯލުން ފެންނާނެ އެކްޓަރަކީ މަޝްހޫރު ފިލްމީ ތަރި އަޔުޝްމާން ކުރާނާއެވެ. މި ފިލްމަކީ ރަޝްމިކާއާއި އަޔުޝްމާންގެ ޖޯޑު ބެލުންތެރިންނަށް ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމު ވެސް މެއެވެ.
ޑައިރެކްޓަރު ދިނޭޝް ވީޖަން އަކީ މިހާތަނަށް ކާމިޔާބު ގިނަ ހޮރޯ ކޮމެޑީ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ އާއްމުންގެ އިތުބާރު ހޯދާފައިވާ ޑައިރެކްޓަރެކެވެ. އޭނާ ދާދި ފަހުން ގެނެސްދިން މި ޖޯންރާގެ ފިލްމުތަކުގެ ތެރޭ "އިސްތިރީ"، "ބޭޅިޔާ" އަދި ދާދި ފަހުން ރިލީޒްކުރި ފިލްމު "މުންޖުޔާ" ހިމެނެއެވެ.

އަޔުޝްމާން ކުރާނާ ފިލްމު "ބާލާ"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން "ވެމްޕަޔަސް އޮފް ވިޖޭ ނަގަރު"އާ ގުޅޭ މަޝްވަރާތައް އަޔުޝްމާންއާ އެކު ދިނޭޝް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަޔުޝްމާންގެ ކެރިއަރުގައި ވަރަށް ތަފާތު އެކްޓިންގްއެއް ފެނުނު ފިލްމު "ބާލާ"އަކީ ދިނޭޝް ވީޖަންގެ އުފެއްދުމެކެވެ.
އިތުރު ފިލްމަކަށް އަޔުޝްމާނާއި ރަޝްމިކާ ސޮއިކޮށްފައިވާއިރު މި ދެ ތަރިން ވެސް މި ވަގުތު އަންނަނީ ވަރަށް އަވަދިނެތިކޮށް ބޮޑު ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ، އަޔުޝްމާން މުހިއްމު ރޯލް ކުޅޭ ފިލްމު "ބޯޑަ2" އަދި ރަޝްމިކާގެ ކެރިއަރުގެ އެންމެ ކާމިޔާބު ތެލުގޫ ފިލްމުގެ ސީކުއަލް "ޕުޝްޕާ2"އެވެ.
ރަޝްމިކާ ދާދި ފަހުން ސޮއިކުރި ބޮލީވުޑް ފިލްމު "ސިކަންދަރު"ގެ މަސައްކަތް ފެށުމަށް ވެސް ބަތަލާ އަންނަނީ ތައްޔާރުވަމުންނެވެ. ފިލްމު "ސިކަންދަރު"އަކީ މަޝްހޫރު ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ކުންފުނިން އުފައްދާ ސަލްމާން ޚާން ލީޑް ރޯލް ކުޅޭ ފިލްމެކެވެ.