މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން މަސް ގަންނަ އެންމެ މަތީ އަގަކީ 16 ރުފިޔާ ކަމަށް ކަނޑައަޅައިފިއެވެ.

މިފްކޯ އިން މިއަދު ވަނީ މާދަމާއިން ފެށިގެން މަސް ގަންނާނީ ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް ކަމަށް ނިންމައިފައެވެ. އެ އަގު ކޮންމެ ހަފުތާއަކު އާއްމުކޮށް މިފްކޯއިން އިއުލާން ކުރަމުންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި ހަފުތާގައި މިފްކޯގެ ސެންޓަރުތަކުންނާއި ބޯޓުފަހަރުން މަސް ގަންނަ އަގުތައް:

  • 1.5 ކިލޯއިން މަތީ އައިސް މަސް، ކަނޑުމަހާއި ކަންނެލި 16 ރުފިޔާ އަށް

  • 1.5 ކިލޯއިން މަތީ ނޯމަލް މަސް (އައިސް ނާޅާ)ކަނޑުމަހާއި ކަންނެލި 14 ރުފިޔާއަށް
  • 1.5 ކިލޯއިން ދަށުގެ އައިސް މަސް، ކަނޑުމަހާއި ކަންނެލި ހަތް ރުފިޔާ އަށް
  • 1.5 ކިލޯއިން ދަށުގެ ނޯމަލް މަސް (އައިސް ނާޅާ)ކަނޑުމަހާއި ކަންނެލި ފަސް ރުފިޔާ އަށް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި ތެރޭގައި ވަނީ މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާރު މަސް ގަންނަމުންދާ ގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫން ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ދުވަސްކޮޅު އޭރު އޮތް ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރިއެވެ. ނަމަވެސް، މިދިޔަ ފެބްރުއަރީ މަހު މި ސަރުކާރުން އެ އަގު 20އަށް ދަށްކުރަން ނިންމިއެވެ.