01 Jul 2024, 00:28
ފުލުހުންގެ ސްޓޯރޭޖު ސިސްޓަމަށް 2017ވަނަ އަހަރު މައްސަލައެއް ދިމާވުމުގެ ސަބަބުން ބައެއް ޑާޓާ ގެއްލިފައިވާ ކަމަށާއި، އެ ހާދިސާއާ ކްރިމިނަލް ކޯޓުން ކުރި ހުކުމެއްގައި ފާހަގަކޮށްފައިވާ ވީޑިއޯ ފުޓެޖާ ގުޅުމެއް އޮތްތޯ ބަލަމުން އަންނަ ކަމަށް ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނަރު އަޙުމަދު ޝިފާން މިރޭ ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް 2017ވަނަ އަހަރު ހިނގި މާރާމާރީތަކުގެ ތެރެއިން މައްސަލައެއްގައި ތުހުމަތުވާ ބަޔަކުވަނީ ކޯޓު މަރުހަލާއިން ސަލާމަތްވެފައެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ބައެއް މީހުންގެ އަތުގައި ވަޅިއާއި ކޯރާޑިއެއް އޮތް މަންޒަރު ސީސީޓީވީ ފުޓެޖުން ފެންނަ ކަމަށް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް އެއިން އެއްވެސް ވީޑިއޯ ފުޓޭޖެއް ޝަރީއަތަށް ހުށަހަޅާފައި ނުވާތީ، ކޯޓުން ނިންމީ ތުހުމަތުވާ ތިން މީހުންގެ މައްޗަށް ވެސް ދައުވާ ސާބިތުނުވާ ކަމަށެވެ.
މި ކަމާ ގުޅިގެން އެކްސްގައި ޝިފާން ވިދާޅުވީ އެ އަހަރު ފުލުހުންގެ ސްޓޯރޭޖު ސިސްޓަމަށް މައްސަލައެއްދިމާވެ، ފުލުހުންގެ ބައެއް ޑާޓާ ގެއްލުނު ކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ގިނަ ކްރިޓިކަލް ޑާޓާ ރީސްޓޯ ކުރެވުނު ކަމަށެވެ. އަދި އެ ހާދިސާއާ ގުޅުންހުރި ފުޓެޖު، ގެއްލުނު ޑޭޓާގައި ހިމެނޭތޯ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މާރާމާރީގެ މައްސަލައިގައި ކޯޓަށް އެ ފުޓެޖު ހުށަނޭޅުނު ސަބަބުތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ ހާދިސާ ހިނގިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުލުހުންގެ ސާވާއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފުލުހުންގެ އެއްވެސް ކެމެރާއެއްގެ ފުޓެޖު މިހާތަނަށް ނުނެގުމެވެ. އަދި ކެމެރާ ފުޓެޖުގެ ބެކަޕް ނެގުމަކީ ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމެއް ކަމަށް ފުލުހުންގެ ޓެކްނޮލޮޖީ ޑިޕާޓްމެންޓުން ބުނެފައިވާ ކަމަށާއި އެއާއެކު، ހައްޔަރުކޮށްފައިވާ އެއްވެސް މީހެއްގެ ވީޑިއޯ ކޮމްޕެރިޒަން ހެދިފައިނުވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.
އެ މައްސަލައަކީ ސެޕްޓެންބަރު 29، 2017ވަނަ ދުވަހުގެ ރޭ މާލޭ ސިއްކަ ގޯޅީގައި ހުންނަ ޖީ-ސިކްސް ކެފޭތެރޭ ޏ. ފުވައްމުލަކު، މާލެގަން، އަރޭގެދަރު ޙުސައިން ހިމްޔާނަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެވެ.
އެ މައްސަލައިގައި މުޙައްމަދު ނާޖިހާއި މުހައްމަދު ނައްސާރުގެ މައްޗަށް ތޫނު އެއްޗަކުން މާރާމާރީ ހިންގުމުގެ ދައުވާ އާއި މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާކޮށްފައެވެ. އަދި ހާފިޒު ހަސަންގެ މައްޗަށް މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ކުރިއެވެ.
ކްރިމިނަލް ކޯޓުން ހުކުމް ކުރީ ތިން މީހުންގެ މައްޗަށް ވެސް ޝައްކެއް ނެތް މިންވަރަށް ކުށުގެ ދައުވާ ސާބިތުނުކުރެވޭ ކަމަށެވެ.
މިއީ 2017ވަނަ އަހަރު ހިންގި ސިލްސިލާ މާރާމާރީތަކުގެ ތެރެއިން މާރާމާރީއެކެވެ. އެ މައްސަލައިގައި އޭރު ކުޑަކުދިން ހިމެނޭ ގޮތަށް 13 މީހަކު ހައްޔަރުކުރިއެވެ.