ދައުލަތުން ކުރާ ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން، ސްޕޯޓްސް އެވޯޑްސް ހަފުލާ ފަސްކޮށްފިއެވެ.

ސްޕޯޓްސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންނަ އަންގާރަ ދުވަހު ބާއްވަން ނިންމައިފައި އޮތް ސްޕޯޓްސް އެވޯޑު ދޭ ހަފުލާ މިއަހަރު ފަހުކޮޅު ބޭއްވުމަށް މިހާރު ފަސްކޮށްފައިވާ ކަމަށެވެ.

އެ މިނިސްޓަރީން ބުނީ ހަފުލާ ބޭއްވުމުގެ އެކިއެކި ތައްޔާރީތައް ވަމުންދިޔަ ނަމަވެސް، މިވަގުތަށް ފަސްކުރަން ނިންމީ ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމެވި ފިޔަވަޅުތަކާ ގުޅިގެން ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މި ހަފުލާ އެކަށީގެންވާ ފުރިހަމަގޮތެއްގައި ފަހުގެ ތާރީޚެއްގައި ބޭއްވޭނެކަމަށެެވެ.

ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނެއެވެ.

މިދިޔަ އަހަރުގެ ސްޕޯޓްސް އެވޯޑު ހަފުލާއަށް ކުރީ ސަރުކާރުން 4.5 މިލިއަން ރުފިޔާ ހަރަދު ކުރިއެވެ. ކުލަގަދަކޮށް ބާއްވާ ސްޕޯޓްސް އެވޯޑްސް ހަފުލާއަށް ރާއްޖެއިން ބޭރުގެ މަޝްހޫރު ތަރިންވެސް ގެނައެވެ.