ޖީއެސްޓި ދައްކާފައިވަނިކޮށް ޖީއެސްޓީ ނުދައްކާ ލިސްޓުގައި ހިމަނައި ނަންތަށް އާންމުކުރި ފަސް ފަރާތެއްގެ ނަން އެލިސްޓުން އުނިކޮށް މީރާއިން ލިސްޓް އިސްލާހުކޮށްފި އެވެ.

މީރާއިން މިއަދު ބުނީ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ތެރެއިން އަތޮޅުތަކުގައި ވިޔަފާރިކުރާ ފަރާތްތަކުގެ މަޢުލޫމާތު 14 ޖޫން 2012 ވަނަ ދުވަހުގެ ގެޒެޓުގައި ޝާއިރު ކޮށްފައިވަނީ 13 ޖޫން 2012 ވަނަ ދުވަހުގެ ނިޔަލަށް އަތޮޅުތަކުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވުނު ލިސްޓްގައިވާ ފަރާތްތަކަށް އެއޮތޯރިޓީއިން ގުޅާ އެކަން ޔަގީން ކުރުމަށްފަހުގައި ކަމަށެވެ. ނަމަވެސް އެލިސްޓް ގެޒެޓުގައި ޝާއިރު ކުރުމުން ބައެއް ފަރާތްތަކުން ޖީއެސްޓީ ދައްކާފައިވާކަމަށް އެއޮތޯރިޓީއަށް އެންގުމާއި ގުޅިގެން އެއޮތޯރިޓީއިން ބެލިބެލުމުން ފަސް ފަރާތަކުން ޖީއެސްޓީ ދައްކާފައިވާކަން ޔަގީން ވުމުން އެފަސް ފަރާތުގެ ނަން ލިސްޓުން އުނިކޮށްފައިވާ ކަމަށެވެ.

އެގޮތުން ލިސްޓުން އުނިކުރި ފަސް ފަރާތަކީ ބްލޫ ލިންކް މޯލްޑިވްސް ޕވޓ. ލޓޑ. (ޓިން 13769GST01)، އާއި އަހުމަދު ޒުހައިރު (ޓިން 29974GST01)،އާއި އަހުމަދު ސައީދު (ޓިން 28197GST01)،ގެ އިތުރުން ރުޤިއްޔާ އަލީ (ޓިން (48657GST01،އާއި މުޙައްމަދު ސައީދު (ޓިން 27993GST01) އެވެ.

މިރާއިން ބުނީ ނަންތަށް އާންމުކުރަނީ ވަރަށް ރަގަޅަށް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި މިފަދަ އެހެންކަމެއް ދިމާވިޔަ ނުދިނުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ޓެކުސް ދައްކާ ފަރާތްތަކަށް ދޭ ކަމަށެވެ.