01 Jul 2024, 01:04
ޕޮރޮސެކިއުޓާ ޖެނެރެލް (ޕީޖީ) އޮފީހުން ދައުލަތުގެ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރިއަށްވުރެ 99 ޕަސެންޓް ހަލުވިކުރެވިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ އޮފީހުގެ ނިއުސްލެޓާ 'އުންސުރު'ގެ ހަތް ވަނަ އަދަދުގައި ޝަމީމް ލިޔުއްވާފައިވަނީ، އެ އޮފީހުގެ ގަވަންމަންޓް އޮންލައިން ޚިދުމަތުގެ ތެރެއިން، ދައުލަތުގެ އިދާރާއަކުން ބޭނުންވާ މައުލޫމާތެއް ޕީޖީ އޮފީހުގައި ހުރިނަމަ، ސިޓީބިޓީ ބަދަލުކުރުމަކާ ނުލައި، އޮންލައިންކޮށް ރިކުއެސްޓެއް ފޮނުވައިގެން، އެ މައުލޫމާތު ބެލޭނޭ އިންތިޒާމު މިއަހަރު ހަމަޖެއްސި ކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރު، އެ ބާވަތުގެ 38 ސިޓީއެއް ބަންޑާރަ ނައިބު ޕީޖީ އޮފީހަށް ފޮނުއްވައި، ޖަވާބު ދީފައިވާ ކަމަށެވެ. އާދައިގެ ގޮތެއްގައި، އެ 38 ސިޓީ ބަދަލުކުރުމުގެ މަރްޙަލާތަކަށް ކޮންމެ ސިޓީއަކަށް 10 މަސައްކަތު ދުވަހުގެ މަގުން ބެލި ނަމަވެސް ޖުމުލަ 380 ދުވަސް (އެއް އަހަރާއި 15 ދުވަސް) ނަގާފައިވާނެ ކަމަށް ޝަމީމް ލިޔުއްވާފައިވެއެވެ.
އޭނާ ވިދާޅުވީ މިއަހަރު މިހާތަނަށް، މި ބާވަތުގެ 21 ރިކުއެސްޓެއް ބަންޑާރަ ނައިބުގެ އޮފީހުން ފޮނުއްވާފައިވާ ކަމަށެވެ. މިއަހަރުން ފެށިގެން ގަވަންމަންޓް އޮންލައިން ޚިދުމަތް ބޭނުންކުރަން ފެށުމުން، އެ 21 ރިކުއެސްޓުގެ ޖަވާބު ދިނުމަށް، ރިކުއެސްޓް ހުށަހެޅި ވަގުތުން، އެ އޮފީހުން އެކަމާބެހޭ މައުލޫމާތު ފޮނުވުމާ ހަމައަށް ނަގާފައި އޮތީ ޖުމުލަ 438 ގަޑިއިރު ކަމަށް ޝަމީމް ވިދާޅުވިއެވެ. އެއީ 18.25 ދުވަސް ކަމަށާއި އެހެންކަމުން އެވްރެޖްކޮށް، ކޮންމެ ސިޓީއަކަށް ނަގައިފައިވަނީ 21 ގަޑިއިރާއި 54 މިނިޓު 49 ސިކުންތު ކަމަށް އޭނާ ވިދާޅުވިއެވެ،
"ކުރީގައިނަމަ، 10 ދުވަސް (5040 ގަޑިއިރު) ނަގާ ކަމެއް، މިހާރު 22 ގަޑިއިރުން ކުރެވެނީއެވެ." އެ ލިޔުމުގައިވެއެވެ.
ޝަމީމް ވިދާޅުވީ އަމާޒަކީ، އެއޮފީހުގައި ހުރި މަޢުލޫމާތުތައް، ވީހާވެސް ފަސޭހައިން ދައުލަތުގެ އިދާރާތަކަށް ލިބޭނޭގޮތް ހެދުން ކަމަށެވެ.