ދެހާސް ސަތާރަ ވަނަ އަހަރު ހިންގި މާރާމާރީއަކާ ގުޅުންހުރި ވީޑިއޯ ފުޓޭޖު ގެއްލުމުން، ދައުވާ ލިބޭ މީހުން ކްރިމިނަލް ކޯޓުން ސަލާމަތް ވެއްޖެއެވެ.

އެ މައްސަލައަކީ ސެޕްޓެންބަރު 29، 2017ވަނަ ދުވަހުގެ ރޭ މާލޭ ސިއްކަ ގޯޅީގައި ހުންނަ ޖީ-ސިކްސް ކެފޭތެރޭ ޏ. ފުވައްމުލަކު، މާލެގަން، އަރޭގެދަރު ޙުސައިން ހިމްޔާނަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައެވެ.

އެ މައްސަލައިގައި މުޙައްމަދު ނާޖިހާއި މުހައްމަދު ނައްސާރުގެ މައްޗަށް ތޫނު އެއްޗަކުން މާރާމާރީ ހިންގުމުގެ ދައުވާ އާއި މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާކޮށްފައެވެ. އަދި ހާފިޒު ހަސަންގެ މައްޗަށް މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ކުރިއެވެ.

އެ ދައުވާތަކުގައިވާ ގޮތުން ހަމަލާދޭން ބޭނުންކުރީ ތިލައިގެ ދިގު މިނުގައި ހަތް އިންޗިއާއި 10 އިންޗިއާ ދެމެދުގެ ވަޅިއެކެވެ.

އެ މައްސަލައިގެ ހަތަރު ހުކުމުގައިވެސް، ފުލުހުން ވީޑިއޯ ފުޓެޖު ހުށަހަޅާފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

ހުކުމުގައިވާ ގޮތުން، ޖީ-ސިކްސް ކެފޭއަށް ދިޔަ މީހުންގެ ތެރެއިން ބައެއް މީހުންގެ އަތުގައި ވަޅިއާއި ކޯރާޑިއެއް އޮތް މަންޒަރު ސީސީޓީވީ ފުޓެޖުން ފެންނަ ކަމަށް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް އެއިން އެއްވެސް ވީޑިއޯ ފުޓޭޖެއް ޝަރީއަތަށް ހުށަހަޅާފައި ނުވާކަން ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

އެ ފުޓެޖު ހުށަނޭޅުނު ސަބަބުތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ ހާދިސާ ހިނގިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުލުހުންގެ ސާވާއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފުލުހުންގެ އެއްވެސް ކެމެރާއެއްގެ ފުޓެޖު މިހާތަނަށް ނުނެގުމެވެ. އަދި ކެމެރާ ފުޓެޖުގެ ބެކަޕް ނެގުމަކީ ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމެއް ކަމަށް ފުލުހުންގެ ޓެކްނޮލޮޖީ ޑިޕާޓްމެންޓުން ބުނެފައިވާ ކަމަށާއި އެއާއެކު، ހައްޔަރުކޮށްފައިވާ އެއްވެސް މީހެއްގެ ވީޑިއޯ ކޮމްޕެރިޒަން ހެދިފައިނުވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.

އެ މައްސަލައިގައި ކޯޓުން ނިންމީ ތިން މީހުންގެ މައްޗަށް ވެސް ޝައްކެއް ނެތް މިންވަރަށް ކުށުގެ ދައުވާ ސާބިތުނުކުރެވޭ ކަމަށެވެ.

މިއީ 2017ވަނަ އަހަރު ހިންގި ސިލްސިލާ މާރާމާރީތަކުގެ ތެރެއިން މާރާމާރީއެކެވެ. އެ މައްސަލައިގައި އޭރު ކުޑަކުދިން ހިމެނޭ ގޮތަށް 13 މީހަކު ހައްޔަރުކުރިއެވެ.